އެޗްޕީއޭއީން އެކަމަށްޓަކައި ހަމަޖައްސަން ޖެހޭ ކަންތައްތައް ހަމަޖައްސައިފިނަމަ، ވެކްސިން ޓޫރިޒަމް ފެށޭ ގައުމެއްގެ ގޮތުގައި ރާއްޖެ ގުނިގެންދާނެ ކަމަށް ޓޫރިޒަމް މިނިސްތަރު އަބުދުﷲ މައުސޫމު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މައުސޫމު ވިދާޅުވީ، ރާއްޖެއަށް ވެކްސިން ޓޫރިޒަމް ތައާރަފް ކުރުމަކީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގެން ގުޅުއްވާ ވިސްނުން ފުޅެއް ކަމަށެވެ.
އެގޮތުން ވިޒިޓް ވެކޭޝަން ވެކްސިން ގެ ގޮތުގައި ރާއްޖޭގައި އެކަން ތައާރަފް ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް މިނިސްޓަރު ވިދާޅުވީ، އިމިގްރޭޝަން ގާނޫނު އޮންނަ ގޮތުން މިހާރު ތިން މަހަށްވުރެ ދިގު މުއްދަތުގެ ވިސާއެއް ފަތުރުވެރިންނަކަށް ނުދެވޭ ކަމަށެވެ.
އެގޮތަށް ބަލާއިރު ކޮވިޑްގެ ވެކްސިންގެ ދެވަނަ ޑޯޒް ތިން ހަފްތާއިން ނުވަތަ ހަތަރު ހަފްތާއިން ޖަހަން ޖެހޭއިރު ދިގު މުއްދަތަކަށް ފަތުރުވެރިން ރާއްޖޭގައި ތިބެވޭނެގޮތެއް ހަދަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
ދިގު މުއްދަތެއްގައި ރާއްޖޭގައި ފަތުރުވެރިންނަށް ތިބެވޭގޮތަށް ފާނޫނު ބަދަލުކޮށް، ކޮވިޑް ވެކްސިން ހޯދުމަށް ދުނިޔެއަށް ދިމާވެފައިވާ ދަތިކަމުގެ ތެރެއިން ވެކްސިންގެ ކަންތައް އެޗްޕީއޭއިން ހަމަޖައްސައިފިނަމަ ޓޫރިޒަމް ވެކްސިން ފެށޭ ގައުމެއްގެ ގޮތުގައި ރާއްޖެ ގުނިގެންދާނެ ކަމަށް މިނިސްޓަރު މައުސޫމު ވިދާޅުވިއެވެ.
ވެކްސިން
ވެކްސިން
ވެކްސިން