ޖިންސީ ފުރައްސާރައިގެ ދައުވާ ކޮށްފައިވާ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފި އެވެ.

އަލީ ވަހީދުގެ މައްޗަށް މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކޮށްފައިވާ ތުހުމަތުތަކެއް ކުރުމާ ގުޅިގެން އެ މައްސަލައިގެ ތަހުގީގު ނިމެންދެން އޭނާ އަށް ފުރުން މަނާކޮށް ޕާސްޕޯޓް އޮތީ ހިފަހައްޓާފަ އެވެ.

ނަމަވެސް މި މައްސަލައާ ގުޅިގެން އިއްޔެ ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމެއްގައި އޭނާގެ ސިއްހީ ހަލަތު ބަޔާންކޮށް ސިއްހީ ފަރުވާ އަށް ރާއްޖެއިން ބޭރަށް ދިޔުމުގެ ހުއްދަ އަށް އެދިފައިވެ އެވެ.

ކްރިމިނަލް ކޯޓުން "ވަން" އަށް މިއަދު ބުނީ އަލީ ވަހީދު ސިއްހީ ފަރުވާ އަށް ރާއްޖެއިން ބޭރަށް ދާން ޖެހޭކަން ކަށަވަރު ކުރުމަށް ޑޮކްޓަރަކު އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރި ކަމަށެވެ. އަދި ޑޮކްޓަރުގެ ވާހަކަތަކަށްފަހު ދައުލަތުންވެސް އަލީވަހީދު ފުރުމުގެ އިއުތިރާޒެއް ނެތް ކަމަށް ބުނުމުން ދައުވާ ލިބޭ އަލީ ވަހީދުގެ ފަރާތުން ޖާމިނުވާ ފަރާތެއް ހުށަހަޅާފައިވުމުން ފުރުން މަނާ ކުރުމުގެ އަމުރު ބާތިލު ކުރީ ކަމަށެވެ.

އިއްޔެ ކްރިމިނަލް ކޯޓުން އޭނާގެ ޕާސްޕޯޓު ދޫކޮށްލުމަށް އަމުރު ކުރުމުން އިމިގްރޭޝަނުން ވަނީ އޭނާގެ ޕާސްޕޯޓު ދޫކޮށްލައިފަ އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ ނުވަވަނަ ދުވަހު ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އަލީ ވަހީދު ވަކިކުރީ އޭނާގެ ފަރާތުން ޖިންސީ ގޯނާ އާއި ފުރައްސާރަ ލިބުނު ކަމަށް ބުނާ އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީއާ ބައްދަލުކޮށް އެކަން ސަމާލުކަމަށް ގެނައުމުންނެވެ.

ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުގައި ހުރިއިރު، އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ޖިންސީ ފުރައްސާރަކުރުމާއި ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގެ ތެރެއިން ހަތް މައްސަލައެއްގައި ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

އަލީ ވަހީދުގެ މި މައްސަލައިގައި 15 މީހެއްގެ ބަޔާން ވަނީ ނަގައިފައެވެ. އޭގެ އިތުރުން އަލީގެ ފޯނާއި ލެޕްޓޮޕް ވަނީ ހިފަހައްޓާފަ އެވެ. މި މައްސަލައިގައި މިދިޔަ އަހަރުގެ ޖުލައި މަހުގެ 19 ވަނަ ދުވަހު އަލީ ވަހީދު ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ.