ކޮރޯނާވައިރަސް އަކީ ވޫހާންގައި ހުންނަ ލެބޯރަޓަރީން ލީކުވި އެއްޗަކަށް ވުން ވަރަށް ނާދިރު ކަމަށް ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން މިއަދު ބުނެފިއެވެ.

ބައެއް ފަރާތްތަކުން ވަނީ ކޮރޯނާވައިރަހަކީ ޗައިނާގެ ވޫހާން ސިޓީގެ ލެބަކުން އުފެއްދި ވައިރަހެއް ކަމަށް ތުހުމަތުކޮށްފައެވެ. އޭގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ޑޯނަލްޑް ޓްރަމްޕްވެސް ހިމެނެއެވެ. ނަމަވެސް ޗައިނާއިން ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.

ކޮރޯނާވައިރަސް ފެތުރުނު ގޮތް ދެނެގަތުމަށް ޑަބްލިޔުއެޗްއޯގެ ތަޖުރިބާކާރުންގެ ޓީމަކުން ވޫހާންގެ ލެބަށް ޒިޔާރަތްކޮށް ދިރާސާތައް ފަށައިފައެވެ. އެގޮތުން އެ ދިރާސާތަކުގެ އަލީގައި ފާހަގަވި ކަންކަން މިއަދު އެޓީމުން ވަނީ ހިއްސާކޮށްފައެވެ.

ޑަބްލިޔުއުޗްއޯގެ ޓީމުގެ އިސް ވެރިޔާ ޑރ. ޕީޓާ ކޭ ބެން އެމްބަރެކް ވިދާޅުވީ ދިރާސާތަކުން ދައްކާ ގޮތުގައި ކޮރޯނާވައިރަސް ފެތުރިފައިވަނީ ވޫހާންގެ ލެބުން ކަމަށްވުން ވަރަށްވެސް ނާދިރު ކަމަށެވެ. ނަމަވެސް ކޮރޯނާވައިރަސް ފެތުރިފައިވަނީ އެ ސިޓީން ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. ޕީޓާ ވިދާޅުވީ ކޮރޯނާ ވައިރަސް ވޫހާން ސިޓީއަށް ފެތުރުމުގެ ކުރިން ކޮރޯނާ ވައިރަހާ ގުޅުންހުރި ވައްތަރެއްގެ ވައިރަހެއްގެ ޓެސްޓުތަކެއް ވޫހާންގެ ލެބްގައި ކުރެވެމުންދިޔަ ކަމަށް ދިރާސާތަކުން ދައްކާ ކަަމަށެވެ.

"އެތަނުން އެކަހަލަ އެއްވެސް އެއްޗެއް ބޭރުވުމަކީ ވަރަށްވެސް ނާދިރުކަމެއް،" ކާނާގެ ރައްކާތެރިކަމާ ބެހޭ ދާއިރާގެ ސައިންސްވެރިއެއް ކަމަށްވާ ޑރ. ޕީޓާ ވިދާޅުވިއެވެ.

ޑރ. ޕީޓާ ވިދާޅުވީ ކޮރޯނާވައިރަސް އުފެދިފައިވަނީ ގުދުރަތީ މާހައުލަކުން ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށާއި އިންސާނުންގެ ތެރެއަށް މި ބަލި ފެތުރިފައިވަނީ ވާލެއްގެ ސަބަބުން ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ.

އޭނާ ވިދާޅުވީ ކޮރޯނާ ވައިރަސް ފެތުރުނީ ހުއަނަން ސީފުޑް މާކެޓްގެ އެހެން ޖަނަވާރުތަކުން ކަމަށްވެސް ބެލެވޭ ކަމަށާއި އެކަމަށް ބާރުދޭ ބައެއް ހެކިތައްވެސް ލިބިފައިވާ ކަމަށެވެ. އަދި ވިދާޅުވީ މި ބަލި ފެތުރުނުގޮތް ދެނެގަތުމަށް މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޖަނަވާރުތަކާ ގުޅޭ ޓެސްޓުތައް ހަދަންޖެހޭ ކަމަށެވެ.