އައްޑޫ ސިޓީއަށް ކޮވިޑް ފެތުރުނީ ސަރުކާރުގެ އިހުމާލުން ކަމަށް އިދިކޮޅުން ތުހުމަތުކޮށްފިއެވެ.
އައްޑޫ ސިޓީ ހިތަދޫއިންނާއި ހުޅުމީދޫން ވަނީ ކްލަސްޓާއެއް ފެނިފައެވެ. ހުޅުމީދޫން ޕޮޒިޓިވްވި ކްލަސްޓާގައި ހިމެނެނީ އެ ރަށުގެ ސައިޓެއްގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންތަކެކެވެ.
އައްޑޫ ސިޓީން ބަޔަކު ޕޮޒިޓިވްވުމުން އެކަމާ ކަންބޮޑުވުން ފާޅުކޮށް، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނީ، އައްޑޫ ސިޓީގައި ކޮވިޑް ފެތުރެން ފަށާފައިވަނީ ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ފަރުވާ ކުޑަ ކުރުމުގެ ސަބަބުން ކަމަށެވެ. އަދި މިއީ ސަރުކާރުގެ ފަރާތުން ކަންކަން ބަލަންވާ ވަރަށް ނުބަލައި، ސިޔާސީ މަގުސަދުތައް ހާސިލުކުރުމަށްޓަކައި ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ސިޔާސީ އަދި ސަރުކާރުގެ އެކި ފަންތީގެ ބޭފުޅުން ދަތުރުފަތުރު ކުރުމުގެ ހުއްދަ ދެމުން ގެންދިއުމުގެ ނަތީޖާ ކަމަށްވެސް އިދިކޮޅުން ބުންޏެވެ.
އިދިކޮޅުން ބުނީ، އައްޑުއަށް ކޮވިޑް ފެތުރުނީ ބަލަންވާވަރަށް ނުބަލައި، އެ ސިޓީއަށް ސަރުކާރުގެ ބަޔަކު ދަތުރު ކުރުމަށް ސަރުކާރުގެ ފަރާތުން ދިން ހާއްސަ ހުއްދައިގެ ދަށުން އެ ސިޓީއަށް ޒިޔާރަތް ކުރި ބައެއްގެ ސަބަބުން ކަމަށެވެ.
"ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބެލުމެއް ނެތި، އައްޑޫ ސިޓީ ނޫނަސް ރާއްޖޭގެ ކަންކޮޅުތަކަށް މިފަދަ ދަތުރުތައް ސިޔާސީ ބޭފުޅުން މިހާރުވެސް ކުރައްވަމުން ގެންދަވާކަމީ ހިތާމަހުރި ކަމެކެވެ. ނަތީޖާއެއްގެ ގޮތުން އައްޑޫ ސިޓީގެ އިތުރުން ހުވަދޫ އަތޮޅަށްވެސް ކޮވިޑް 19ގެ އަސަރު ވަނީ ކޮށްފައެވެ..،" އިދިކޮޅުން ބުންޏެވެ.
މީގެ އިތުރުން އިދިކޮޅުން ބުނީ، އައްޑޫ ސިޓީއާއި ގދ. ތިނަދުއަށް ކޮވިޑުގެ އަސަރުކޮށްފައި ވަނީ ސަރުކާރުގެ އިހުމާލުން ކަމަށްވާތީ، ދިވެހި ރައްޔިތުންގެ ކިބައިން ސަރުކާރުން މައާފަށް އެދުމަށް ގޮވާލާ ކަމަށެވެ.
އައްޑޫ އިން މިހާތަނަށް 48 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެއީ ހިތަދޫން 22 މީހަކާއި ހުޅުމީދޫން 26 މީހެކެވެ. މި ކޭސްތަކާ ގުޅިގެން އައްޑޫ ސިޓީ ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު