ކުރީގެ ނައިބު ރައީސް އަދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސްޕެޝަލް އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި، ޑރ. މުހައްމަދު ޖަމީލު އަހުމަދު ކޮވިޑް ވެކްސިން ޖައްސަވައިފިއެވެ.

ޑރ. ޖަމީލްވެސް ޖައްސަވާފައިވަނީ، ރާއްޖޭގައި ޖަހަމުންގެންދާ އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ.

ޑރ. ޖަމީލް ކޮވިޝީލްޑް ވެކްސިން ޖައްސަވާފައިވާ އިރު، ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ކޯލިޝަންގެ އެޑްވައިޒަރު، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުވެސް ވަނީ ކޮވިޝީލްޑް ވެކްސިން ޖައްސަވައިފައެވެ.

ޑރ. ޖަމީލާއި ރައީސް ވަހީދު ވެކްސިން ޖައްސަވާފައިވާ އިރު، އެ ދެބޭފުޅުންގެ އެޑްވައިޒަރު ކަމުގެ ދަށުން ހިންގަމުން އަންނަ އިދިކޮޅު ކޯލިޝަނުން ދަނީ ރާއްޖޭގައި ޖަހާ "ކޮވިޝީލްޑް" ވެކްސިނަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެގޮތުން އިދިކޮޅުން ބުނާ ގޮތުގައި އެ ވެކްސިނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހުއްދަ ދީފައިވާ ވެކްސިނެއް ނޫނެވެ.

ކޮވިޑްގެ ވެކްސިން ޕްރޮގްރާމް ރާއްޖޭގައި އިފްތިތާހު ކުރީ މިމަހުގެ އެއްވަނަ ދުވަހުއެވެ. އޭގެ ފަހުން އިއްޔެގެ ނިޔަލަށް 12،900 އަށްވުރެ ގިނަ މީހުން ވަނީ ވެކްސިން ޖަހައިފައެވެ.