ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ކ. ފުށިދިއްގަރުފަޅު ތަރައްގީ ކުރުމުގެ މަޝްރޫއާ ގުޅޭގޮތުން އޭރުގެ ފިނޭންސް މިނިސްޓަރު އަދި ފަހުން ނައިބު ރައީސަކަށް ހުންނެވި އަބްދުﷲ ޖިހާދުގެ މައްޗަށް ކުރާ ކޮރަޕްޝަން މައްސަލައިގެ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފިއެވެ.

އެ ދައުވާގެ މާދަމާގެ އަޑުއެހުން ބާއްވަން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ ހެނދުނު 9:00 އަށެވެ.

ޕީޖީ އޮފީހުން ބުނީ ފުށިދިއްގަރު ސްޕެޝަލް ޓޫރިސްޓު ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ސަރުކާރުގެ 50 ޕަސެންޓް ހިއްސާވާ ގޮތަށް ޖޮއިންޓްވެންޗާ އެއްބަސްވުމެއް ހެދުމަށް ނޮވެމްބަރު، 29، 2011 ގައި ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. އެ ނިންމުމުގައި އޮތީ އެ މަޝްރޫއަށް ސަރުކާރުން އެއްވެސް ފައިސާއެއް ހަރަދުކުރަން ނުޖެހޭ ގޮތަށާއި އެ މަޝްރޫއުގެ ބިމު ކުލި ދައުލަތަށް ލިބެން ޖެހޭނެ ކަމަށެވެ.

އެކަމަކު ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ޖިހާދު އެ ރަށުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާ ކަނޑައެޅިގެން ހިލާފަށް ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެ އޮފީހުން ބުނީ ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާ ހިލާފުވާންޖެހޭ ސަބަބެއް ނެތި ޖިހާދު، ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު ސޮއިކުރެއްވީ 50 ޕަސެންޓުގެ ބަދަލުގައި ދިވެހި ދައުލަތުގެ 25 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް ކަމަށެވެ.

"އަބްދުﷲ ޖިހާދުގެ މި އަމަލުގެ ސަބަބުން ރައްޔިތުންނާއި ދައުލަތަށް ލިބެން އޮތް ފައިދާއިން، ހަމައެކަނި ބިމު ކުލީގެ ގޮތުގައި ވެސް 604،713،750 ޑޮލަރު އުނިވެފައިވެއެވެ. މީގެ އިތުރުން، ދައުލަތުގެ 50 ޕަސެންޓް ހިއްސާގެ ބަދަލުގައި 25 ޕަސެންޓަށް ހިއްސާ ބަދަލުވުމުން، ކުންފުނީގެ ވިޔަފާރި ފައިދާ އިން ލިބޭނެ ގެއްލުން ވެސް އޮންނާނެއެވެ،" ޕީޖީގެ ފަރާތުން ބުނެފައިވެއެވެ.

ވަޒީރުންގެ މަޖިލީހުން ނިންމެވި ގޮތުންނަމަ، ބިމު ކުލިން 50 އަހަރުގެ ތެރޭގައި 411،720،000 ޑޮލަރު އަދި ޕްރައިމް ލޮކޭޝަން ޗާޖު، 50 އަހަރުގެ ތެރޭގައި 192،993،750 ޑޮލަރު ލިބޭނެއެވެ. ނަމަވެސް ޖިހާދު އަމަލުކުރެއްވި ގޮތުން އެ ފައިދާ ނުލިބި ދައުލަތަށް ބޮޑު ގެއްލުމެއް ވަނީ ލިބިފައެވެ.

މި މައްސައިގައި ޖިހާދުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް 25 ޑިސެމްބަރު ގައި ވެސް ބޭއްވިއެވެ. ނަމަވެސް އެއީ ޕާސްޕޯޓް ހިފާއްޓާފައިވާތީ، ޖިހާދުގެ ބަލި ހާލަތު ހުރިގޮތުން ބޭސް ފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގަތުމުގެ ހުއްދައަކަށް އެދިވަޑައިގެންފައިވާތީ އެކަމަށް ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމެކެވެ. އެދުވަހު ކޯޓުން ނިންމާފައިވަނީ ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ ޖިހާދަށް ނުދިނުމަށެވެ.

ޖިހާދުގެ ފަރާތުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅި ނަމަވެސް، ކުރިމިނަލް ކޯޓުގެ އެ ނިންމުން ހައިކޯޓުން ބާތިލުކުރުމުން ދައުލަތުގެ ފަރާތުން އެ މައްސަލަ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ.