އިނގިރޭސިވިލާތުން ފެނިފައިވާ ކޮވިޑް 19ގެ އާ ވޭރިއަންޓްގެ ސަބަބުން އިނގިރޭސިވިލާތުން ގިނަ ގައުމުތަކަށް ދަތުރުފަތުރު ކުރުން ވަނީ މަނާ ކޮށްފައެވެ. އިނގިރޭސި ގިނަ ކްލަބުތަކަށް އޭގެ ސަބަބުން އަސަރުތަކެއް ކޮށްފައިވާއިރު، ޖަރުމަނާއި ސްޕެއިން ފަދަ ގައުމުތަކަށް އިނގިރޭސި ކްލަބުތަކަށް ދަތުރު ކުރެވޭކަށް ނެތެވެ. މި ހަފުތާ ތެރޭ ޗެމްޕިއަންސް ލީގު ނޮކްއައުޓް ބުރުގެ ފުރަތަމަ ލެގުގައި އިނގިރޭ ތިން ކްލަބެއް ސްޕެއިން އާއި ޖަރުމަނަށް ދާން ޖެހޭއިރު، އެގައުމުތަކުގެ ސަރުކާރުން ވަނީ ކްލަބުތަކަށް ނޭރޭނެ ކަމަށް އަންގާފައެވެ.

އިނގިރޭސި ޗެމްޕިއަން ލިވަޕޫލުން އާރްބީ ލެއިޕްޒިގާ ދެކޮޅަށް ކުޅެން އޮތް މެޗުވެސް މިހާރު ހަންގޭރީގެ ބުޑަޕެސްޓަށް ބަދަލުކުރިކަން ޔޫއެފާއިން އަންގާފައިވާއިރު، މެންޗެސްޓާ ސިޓީން ޖަރުމަނުގެ ބްރޫޝިއާ މޮންޗެންގްލެޑްބެޗާ ދެކޮޅަށް ކުޅެން އޮތް މެޗުވެސް ކުޅޭނީ ހަންގޭރީގެ ބުޑަޕެސްޓްގައި ކަމަށް ޔޫއެފާއިން ވަނީ އަންގާފައެވެ. އެ ދެމެޗުވެސް ކުޅޭނީ ހަންގޭރީގެ އޮލިމްޕިކް ސްޓޭޑިއަމް ޕުސްކަން އެރީނާގައެވެ.

ޗެލްސީން މިމަހު 23 ވަނަ ދުވަހު ސްޕެއިންގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ނުކުންނަން އޮތް މެޗުވެސް ނިއުޓްރަލް ދަނޑަކަށް ބަދަލުކުރަން ޔޫއެފާއަށް ވަނީ ޖެހިފައެވެ. ސްޕެއިންގެ އިދާރާތަކުން ޗެލްސީ އެގައުމަށް އެތެރެކުރަން ހުއްދަ ދީފައި ނުވުމާއެކު ޔޫއެފާއިން ވަނީ އެތުލެޓިކޯ ބޭނުންވާ ނިއުޓްރަލް ދަނޑެއް ހިޔާރު ކުރުމަށް ފުރުސަތު ދީފައެވެ.

ކުރިން މެޗު ކުޅެން އޮތީ އެތުލެޓިކޯގެ ވަންޑާ މެޓްރޯ ޕޮލިޓާނޯގައި ނަމަވެސް، ދެން މެޗު ކުޅޭނެ ދަނޑެއް ނިންމާނީ ޔޫއެފާގެ އިތުރުން އެތުލެޓިކޯ އަދި ޗެލްސީވެސް އެއްބަސްވެގެންނެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި އެތުލެޓިކޯއިން ބޭނުން ވަނީ ޕޮލެންޑްގެ ވާރަސޯ ނޫނީ ރޮމޭނިއާގެ ބުޗަރެސްޓްގައި މުބާރާތް ކުޅޭށެވެ.