ދުނިޔޭގެ ހުރިހާ ބައްރެއްގެ ޗެމްޕިއަނުންނާއި މުބާރާތް ބާއްވާ ގައުމުގެ ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ ކްލަބު ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި އަލް އަހުލީ ބަލިކޮށް، ބަޔާން މިއުނިކުން ފައިނަލަށް ދަތުރު ކޮށްފިއެވެ.

ގަތަރުގައި ކުރިއަށްދާ ކްލަބު ވޯލްޑް ކަޕްގައި ޔޫރަޕްގެ ޗެމްޕިއަން ބަޔާންއިން އެފްރިކާގެ ޗެމްޕިއަން އަލް އަހުލީ ބަލިކުރީ 2-0ގެ ނަތީޖާއަކުންނެވެ. ބަޔާންގެ ދެ ގޯލްވެސް ކާމިޔާބު ކޮށްދިނީ ޕޮލެންޑްގެ ފޯވަޑް ރޮބާޓް ލެވަންޑޮސްކީއެވެ.

މިސްރަށް ނިސްބަތްވާ އަލް އަހުލީއާ ދެކޮޅަށް ބަޔާންއިން ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި ބޯޅަ ހިފަހައްޓައި ޑޮމިނޭޓްކޮށް ކުޅުނީ ބަޔާންއިންނެވެ. އަލް އަހުލީގެ ހާފް ތެރޭގައި ގިނަ ވަގުތު ބޯޅަ ގެންގުޅެ، ބަޔާންއިން ލީޑުވެސް ނަގާފައިވާއިރު، ބަޔާންއަށް އޮތް ހަމައެކަނި ނުރައްކަލަކަށްވީ އަލް އަހުލީގެ ހަލުވި ކައުންޓާ އެޓޭކެވެ. އެހެން ނަމަވެސް އެ ޓެކްޓިކްސްއިންވެސް އަލް އަހުލީއަށް ބަޔާންއަށް ނުރައްކާ ކުރެވިފައެއް ނުވެއެވެ.

އާންމު ގޮތެއްގައި ކްލަބު ވޯލްޑް ކަޕްގައި ޔޫރަޕްގެ ޗެމްޕިއަނުން މާ ބޮޑަށްވެސް ވަރުގަދަކޮށް ފެންނައިރު، ރޭގެ މެޗުގައި ބަޔާންއިން މޮޅު ޔަގީން ކުރީ ފަހު ވަގުތު ލެވަންޑޮސްކީ ޖެހި ގޯލާއެކުގައެވެ. މި ސީޒަންގެ މިހާތަނަށް ލެވަންޑޮސްކީ ވަނީ ކުޅުނު 27 މެޗުން 29 ގޯލް ޖަހާފައެވެ.

ކްލަބު ވޯލްޑް ކަޕްގައި އެކި ބައްރުތަކުގެ ޗެމްޕިއަނުން ވާދަކުރާއިރު، ބަޔާންއާއެކު ފައިނަލްގައި ނުކުންނާނީ މެކްސިކޯގެ ޓިގްރެސްއެވެ. އެއީ އިތުރު އެމެރިކާގެ ޗެމްޕިއަނުންނެވެ. އެޓީމުން ފައިނަލަށް ދަތުރު ކުރީ ސެމީ ފައިނަލްގައި ދެކުނު އެމެރިކާގެ ޗެމްޕިއަނުން، ޕަލްމޭރިއަސް ބަލިކޮށްގެންނެވެ.

މިއަހަރުގެ މުބާރާތުގައި ހަތް ޓީމަކުން ވާދަކުރަން އޮތް ނަމަވެސް މުބާރާތް ފެށުމުގެ ކުރިން އޯޝެނިއާގެ ޓީމު އޮސްޓްރޭލިއާގެ އޯކްލޭންޑް ސިޓީން ވަނީ ނަން ނަގާފައެވެ. ކޮވިޑް 19 އާއި ގުޅިގެން އޯޝެނިއާގެ ޗެމްޕިއަންސް ލީގު ހުއްޓާލާފައި އޮތުމުން އޯކްލޭންޑް ކޮލިފައިވީ ޗެމްޕިއަނުން ގޮތުގައެއް ނޫނެވެ. އެޓީމަކީ ނޮމިނޭޓް ކޮށްފައިވާ ޓީމެކެވެ.