ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްސަލައަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނުފޫޒު ފޯރުވާކަމަށް ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަދި ގާނޫނީ ވަކީލު ޝުޖާއު އުސްމާން ވިދާޅުވެފައިވާތީ، އޭނާގެ މައްސަލަ ބާ ކައުންސިލުން ބަލަން ފަށައިފިއެވެ.

ހައިކޯޓުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު ނުވަވަނަ ދުވަހު ބާ ކައުންސިލަށް ޝުޖާއުގެ ޝަކުވާ ހުށަހެޅީ ރައީސް ޔާމީންގެ މައްސަލަ ހިނގަމުންދާ ގޮތާ މެދު އޭނާ ކުރެއްވި ޓުވީޓަކަށް "ހޯރަ އެމްވީ"ގައި ޝާއިއުކުރި ހަބަރަކާ ގުޅިގެންނެވެ.

ޝުޖާއު ކުރެއްވި ޓުވީޓުގައި ވަނީ ޖޭއެސްސީން ނުފޫޒު ފޯރުވާހާ ހިނދަކު ރައީސް ޔާމީނަށް އިންސާފެއް ނުލިބޭނޭ ކަމަށެވެ.

ހައިކޯޓުން ހުށަހެޅި ޝަކުވާގައި ބުނީ އެފަދައިން ޓުވީޓެއްކޮށް، ވާހަކަ ދެއްކުމަކީ އޭގެ ސަބަބުން އާންމު ރައްޔިތުންގެ ހިތްތަކުގައި ސުވާލު އުފެދި، ކޯޓުތަކުގެ އިތުބާރު ގެއްލޭފަދަ އަމަލެއް ކަމަށާއި އެއީ ގާނޫނީ ވަކީލުން އަމަލުކުރަންޖެހޭ ސުލޫކާ ހިލާފު އަމަލެއް ކަމަށެވެ.

އެ ޝަކުވާ ބަލަން ބާ ކައުންސިލުން ނިންމީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު ބޭއްވި އެކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ 57 ވަނަ ބައްދަލުވުމުގައެވެ.

އެ މައްސަލައިގެ ބަޔާން ނަގަން މާދަމާ ހަވީރު 5:15ގައި ބާ ކައުންސިލަށް ހާޒިރުވާން އަންގައި، ޝުޖާއުއަށް ވަނީ ޗިޓު ފޮނުވައިފައެވެ.