ރާއްޖެ ގެނައި ކޮވިޑް 19ގެ ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގޮވާލައި ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން މިދިޔަ މަހުގެ 27 ވަނަ ދުވަހު ކުރި އިހުތިޖާޖުގައި ފުލުހުންގެ ސަފެއް ފޫއަޅުވާލި ކަމުގެ ތުހުމަތަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ސުޖާއު ފުލުހަށް ހާޒިރުކޮށްފިއެވެ.
ދަރުބާރުގެ ކައިރީގައި އިދިކޮޅުން އެ ދުވަހު ކުރި އިހުތިޖާޖުގެ ތެރެއިން ސުޖާއުގެ އިތުރުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ހައްޔަރުކުރިއެވެ. އެ ދެބޭފުޅުން އަތޮޅުވެހީގައި ބޭތިއްބުމަށް ފަހު ފަހުން ވަނީ ދޫނިދުއަށް ގެންގޮސްފައެވެ. ނަމަވެސް މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރު ކުރުމުން، ކޯޓުން ވަނީ އެ ދެބޭފުޅުން ދޫކޮށްލައިފައެވެ.
ސުޖާއު މިއަދު ފުލުސް އޮފީހަށް ހާޒިރުކުރީ ހަވީރު 4:00 ގައެވެ.
ފުލުސް އޮފީހުން ނުކުމެ، މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ސުޖާއުގެ ލޯޔަރު އާދަމް އާސިފް ވިދާޅުވީ، ފުލުހުންނަށްވެސް ސުޖާއު ފުލުހަށް ހާޒިރުކުރި މަގުސަދު އޮޅިފައިވާ ކަމަށެވެ.
"ސުޖާއު ހާޒިރުކުރީ ފުލުހުންގެ ލައިނެއް ފޫއަޅުވާލި ކަމަށް ބުނެ. ނަަމަވެސް މިއަދުގެ ބަޔާނުގައި އެ ބައި ނުވެސް ނެތް ހިމަނާފައެއް. އެ ދުވަހު ދަރުބާރުގެ ކައިރީގައިވެސް އެބުނާ ލައިނެއް ނެތް،" އާސިފް ވިދާޅުވިއެވެ.
ސުޖާއު ވިދާޅުވީ، އޭނާ ފުލުސް އޮފީހަށް ހާޒިރުކުރަނީ އިދިކޮޅުން ކުރަމުން އަންނަ މަސައްކަތްތައް ހުއްޓުވާލުމުގެ ގޮތުން ކަމަށެވެ. ނަމަވެސް އިދިކޮޅުގެ ހަރަކާތްތައް ނުހުއްޓޭނެ ކަމަށް ވިދާޅުވިއެވެ.
"އެއަށްވުރެ ރޭވުންތެރިކޮށް އަޅުގަނޑުމެންގެ ކަންކަން އިންތިޒާމުކޮށްފައިވާނީ. ސަރުކާރަށްވެސް ނޭނގޭނެ މާދަމާ އަޅުގަނޑުމެން ކުރާނެ ކަމެއް،" ސުޖާއު ވިދާލުވިއެވެ.
މީގެ އިތުރުން ސުޖާއު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް މާގިނަ ދުވަހެއް ދެން ނެތް ކަމަށާއި އިދިކޮޅުގެ މަސައްކަތް ހުއްޓާނީ ރައީސް ޔާމީން މިނިވަންކޮށް ސަރުކާރު ޖަވާބުދާރީކުރުވުމަށް ފަހުގައި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު