ސައްހަ ނޫން އެއްބަސްވުންތަކެއް ހަދައި އެޕާޓްމަންޓްތައް ކުއްޔަށް ދީ މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދި މީހެއްގެ ތަހުގީގު ނިންމާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން ބުނީ އެޕާޓްމަންޓްތަކެއް ކުއްޔަށް ދީ ސައްހަ ނޫން އެއްބަސްވުންތަކެއް ހަދައި މަކަރާ ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ ހޯދަމުންދިޔަ، ޅ. ހިންނަވަރު، އަމްބަރީގެ، އިބްރާހިމް ނަޒީދުގެ މައްސަލަ ތަހުގީގު ކޮށް ނިންމާފައިވާ ކަމަށެވެ. އަދި މި މައްސަލަ މިހާރު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށްވެސް ބުންޏެވެ.

ނަޒީދުގެ ފޮޓޯ އާއި މައުލޫމާތު އާންމުކޮށް އޭނާގެ ޝިކާރައަކަށް ވި ބައެއް ވާނަމަ އެކަން ފުލުހުންނަށް ހުށަހެޅުމަށްވެސް ފުލުހުން ވަނީ މިދިޔަ އަހަރު އޮކްޓޫބަރު މަހުގެ ތެރޭގައި އަންގާފަ އެވެ.

އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް މިހާރަކަށް އައިސް ވަނީ އިތުރުވެފަ އެވެ. އެގޮތުން، ފައިސާގެ ބޮޑެތި އަދަދުތައް ހމެނޭ މުއާމަލާތްތައް ކުރާއިރު އެކުރެވޭ މުއާމަލާތަކީ ސައްހަ މުއާމަލާތެއްތޯ ކަށަވަރުކުރުމަށް ސަމާލުކަން ދިނުމަށް ފުލުހުން އިލްތިމާސްކުރެ އެވެ.