އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު 2-1ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ޗެލްސީން ތާވަލުގެ ފަސްވަނައަށް ޖެހިލައިފިއެވެ.
ރަށުން ބޭރުގައި ރޭ ކުޅުނު މެޗުގައި ޗެލްސީން އުނދަގޫ މޮޅެއް ހޯދައި، އެ ޓީމުން ފަސްވަނައަށް ޖެހިލީ 23 މެޗުން 39 ޕޮއިންޓާ އެކުގައެވެ. އެޓީމުން ހަތަރުވަނައިގައި އޮތް ލިވަޕޫލާ ޕޮއިންޓެއް ގާތަށް ޖެހިލާފައިވާއިރު، ލިވަޕޫލް ރޭ މެންޗެސްޓާ ސިޓީއާއެކު ކުޅުނު މެޗުން ބަލިވެ، އެޓީމަށް 23 މެޗުން ލިބިފައިވަނީ 40 ޕޮއިންޓެވެ.
ޗެލްސީން ފްރޭންކް ލެމްޕާޑު ފޮނުވާލައި ޓީމަށް އަލަށް ގެނައި ޖަރުމަނު ކޯޗު، ތޯމަން ޓުޗެލްގެ އިރުޝާދުގެ ދަށުން ކުޅުނު ހަތަރު މެޗުން ވެސް ބަލިވެފައި ނުވާއިރު، އޭގެ ތެރެއިން ތިން މެޗުން ވަނީ މޮޅުވެފައެވެ. ރަނގަޅު ފޯމެއްގައި ޗެލްސީން ކުޅެމުންދާއިރު، ޝެފީލްޑުން ރޭގެ މެޗަށް ނުކުތީ އެޓީމުން ރެލިގޭޝަނުން ސަލާމަތްވުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ހިތްވަރެއް ހޯދުމަށެވެ.
މެޗުގެ ކުރީކޮޅުގައި ޝެފީލްޑްގެ ކައުންޓާ އެޓޭކް ހުއްޓުވުމަށް ޗެލްސީއަށް އުނދަގޫތަކަކާ ކުރިމަތިވި ނަމަވެސް، ހާފު ނިމުމުގެ ކުރިން ޗެލްސީން ކޮންޓްރޯލް ހޯދި އެވެ. މެޗުގެ 43 ވަނަ މިނެޓުގައި ޗެލްސީގެ ވާތް ފަޅިން ޓީމޯ ވާނާ ކުރިއަށް ޖެހި، ނަގައިދިން ބޯޅަ ސީދާ ކަނަށް އަމާޒުކޮށް މޭސަން މައުންޓް ޗެލްސީއަށް ލީޑު ނަގައިދިނެވެ.
ރޭގެ މެޗަށް ޗެލްސީން ނުކުތީ އަނިޔާގައި ހުރި ޑިފެންޑަރު ތިއާގޯ ސިލްވާގެ އިތުރުން ކްރިސްޓިއަން ޕުލިސިޗް ވެސް ނުލައެވެ. މެޗަށްފަހު ޓުޗެލް ބުނެފައިވަނީ ޕުލިސިޗް މެޗުގައި ފެނިގެން ނުދިޔައީ އާއިލީ މައްސަލަތަކެއް ހައްލު ކުރުމަށް ވަގުތު ބޭނުންވާތީ ކަމަށެވެ.
މެޗުގެ ދެވަނަ ހާފު ފެށިގެން ކުޑައިރު ކޮޅެއްގެ ތެރޭގައި ޝެފީލްޑުން ނަތީޖާ ހަމަހަމަ ކުރިއެވެ. ޓޯނީ ރުޑިގާ އާއި ޗެލްސީ ގޯލްކީޕަރު އެޑުއާޑޯ މެންޑީއާ ދެމެދު ވާހަކަ ނުދެކެވި ގޮސް، ރުޑިގާ ފަހަތަށް ޖައްސާލި ބޯޅަ ވަނީ ބައިކޮޅަށެވެ. ނަމަވެސް ޝެފީލްޑަށް އެ ގޯލާއެކު ނެވާލާނެ ވަގުތު ވެސް ޗެލްސީން ނުދިނެވެ. ކޮށްޓައިގެން ކުރިއަށް ދިޔަ ބޯޅައިގައި ޝެފީލްޑް ގޯލްކީޕަރު އޭރިއާ ތެރެއިން ވާނާއަށް ކުރި ފައުލަކަށް ވީއޭއާރް ބެލުމަށްފަހު ރެފްރީ ވަނީ ޕެނެލްޓީ ދީފަ އެވެ. ޕެނެލްޓީ ކާމިޔާބު ކޮށް ޗެލްސީއަށް ތިން ޕޮއިންޓް ޔަގީން ކޮށްދިނީ ޖޯޖީނިއޯއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު