އިންޑިއާގެ ލޯ-ކޯސްޓު އެއާލައިނެއް ކަމަށްވާ ގޯއެއާ އިން މާލެ އާއި ހައިދަރްއާބާދާ ދެމެދު ސީދާ ދަތުރުތައް ފަށަން ނިންމައިފި އެވެ.
ގޯއެއާ އިން ބުނީ، އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ހަފުތާއަކު ހަތަރު ދުވަހު އެ އެއާލައިނުން މާލެ އާއި ހައިދަރްއާބާދާ ދެމެދު ދަތުރުތައް ބާއްވާނެ ކަމަށެވެ. އެއީ އާދީއްތަ، ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު އެވެ. މި ދަތުރުތަކުގައި ބޭނުން ކުރާނީ އެއާބަސް އޭ320 ނިއޯ މަރުކާގެ މަތިންދާ ބޯޓެވެ.
ދަތުރުފަތުރު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމާއެކު ގޯއެއާ އިން އަންނަނީ މާލެ އާއި އިންޑިއާގެ މުމްބާއީ، ނިއު ދެއްލީ އަދި ބެންގަލޫރާ ދެމެދު ކޮންމެ ދުވަހު ދަތުރުތައް ބާއްވަމުންނެވެ.
ގޯއެއާގެ ދަތުރުތައް ރާއްޖެއަށް ފެށީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. ނަމަވެސް 2019 މެދު ތެރެއިން ދަތުރުތައް ހުއްޓާލުމަށްފަހު އެ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ދަތުރުތައް އަލުން ފެށި އެވެ.
ކޮވިޑް 19އާ ގުޅިގެން ގޯ އެއާގެ ދަތުރުތައް މިދިޔަ މާޗް މަހުގެ ތެރޭގައި މެދުކަނޑާލި ނަމަވެސް މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ދަތުރުތައް އަލުން ވަނީ ފަށައިފަ އެވެ. އެގޮތުން ގޯއެއާއަކީ ރާއްޖޭގެ ބޯޑަރު ޖުލައި 15 ގައި އަލުން ހުޅުވާލި ފަހުން އިންޑިއާ އިން ރާއްޖެއަށް ދަތުރުތައް ފެށި ތިން ވަނަ އެއާލައިނެވެ.
ނިމިގެން ދިޔަ 2020 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިއާއިންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ނިމުނުއިރު އިންޑިއާ އިން 62,905 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. މާކެޓް ޝެއާއަށް ބަލާނަމަ އެއީ 11.3 ޕަސެންޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު