ކޮވިޑްގެ ހާލަތު ގޯސްވެ އަދަދުތައް މަތިވަމުންދާތީ އިކޮނޮމިކް މިނިސްޓްރީން ދެމުން އަންނަ ވިޔަފާރިއާ ގުޅޭ ހުރިހާ ހިދުމަތެއް އޮންލައިންކޮށް ފޯރުކޮށްދޭން ނިންމައިފި އެެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ އޮންލައިންކޮށް ހިދުމަތް ދޭނެ ގޮތުގެ ތަފްސީލުވެސް އާންމު ކޮށްފަ އެވެ. އެގޮތުން ބައެއް ހިދުމަތްތައް އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ހުށަހެޅުމަށް ހުޅުވާލާފައިވާއިރު ދެން ހުރި ހިދުމަތްތަކަށް ހުށަހެޅުމަށް ހަމަޖައްސާފައި ވަނީ އީމެއިލް މެދުވެރިކޮށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ކޯޕަރޭޓް ރެސިޑެންސް ވިސާގެ ހިދުމަތް ހޯދަން ޖެހޭނީ އެ މިނިސްޓްރީ އަށް ގޮސްގެން ކަމަށާއި އެހެނިހެން ހިދުމްތަތައް އާންމު ހާލަތުގައިވެސް ދެމުންދިޔަ ގޮތަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރުފަހު 2:00ގެ ކުރިން އޮންލައިންކޮށް ލިބޭނެ ކަމަށެވެ.

ކޮވިޑްގެ ހާލަތު އަނެއްކާވެސް ގޯސްވުމާ ގުޅިގެން ސަރުކާރުގެ ގިނަ އިދާރާތަކުން އޮންލައިންކޮށް ހިދުމަތް ދިނުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން މީރާގެ ބައެއް ހިދުމަތްތަކާއި، ޓްރާންސްޕޯޓު މިނިސްޓްރީގެ ބައެއް ހިދުމަތްތައްވެސް ވަނީ އޮންލައިންކޮށް ދޭ ގޮތަށް ބަދަލު ކޮށްފަ އެވެ.