ދިވެހިންނަށް ހާއްސަކޮށްފައިވާ ދާއިރާތަކުގައި ހަރަކާތްތެރިވާ ބޭރުގެ ވިޔަފާރިތައް އަންނަ މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ހުއްޓާލަން އިކޮނޮމިކް މިނިސްޓްރީން އަންގައިފިއެވެ.

މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނި ގޮތުގައި، 3 ސެޕްޓެމްބަރު 2024 ގައި ތަސްދީގުކުރި ފޮރިން އިންވެސްޓްމަންޓް ގާނޫނުގެ ދަށުން ބޭރުގެ ފަރާތްތަކަށް ވިޔަފާރިކުރުން ބަންދުކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ އިތުރުން ކާގޯ ސޭލްސް އޭޖެންޓް، ޖެނެރަލް ސޭލްސް އޭޖެންޓް އަދި ޕަސެންޖާ ސޭލްސް އޭޖެންޓްގެ ހިދުމަތްތައް ހިމެނެއެވެ. މި ދާއިރާތަކުގައި ކުރިން ދޫކޮށްފައިވާ ހުއްދައެއްގެ ދަށުން ހަރަކާތްތެރިވަމުންދާ ބޭރުގެ ކުންފުނިތަކުން، އާ ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއާމަންޓްސްއާ އެއްގޮތަށް އަމަލުކޮށް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ވިޔަފާރިތަކުން އެގްޒިޓް ވާން ޖެހޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އިންތިގާލީ މަރުހަލާގެ ކަންކަން ފުރިހަމަކުރުމަށް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުންދާ އިރު، ރެކޯޑުތަކުގައިވާ މައުލޫމާތަށް ބިނާކޮށް އީމެއިލް އަދި ފޯނުން ގުޅަން މަސައްކަތްކޮށް ނުގުޅުނު 8 ކުންފުންޏެއްގެ ނަން މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ. މިއީ ހޯލްސޭލް، ރީޓެއިލް ނުވަތަ ސޭލްސް އޭޖެންޓްގެ ހިދުމަތް ދިނުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކެކެވެ. އެ ކުންފުނިތަކަކީ؛

  • މެގަ ސްޕީޑްލައިނާސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް، ރެޖިސްޓްރޭޝަން ނަންބަރު: C-0022/1994
  • އެސްލިޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، ރެޖިސްޓްރޭޝަން ނަންބަރު: C-0266/1995
  • އައިސޯލާ ކްރިއޭޝަން (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް، ރެޖިސްޓްރޭޝަން ނަންބަރު: C-0217/1995
  • ދީނަމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، ރެޖިސްޓްރޭޝަން ނަންބަރު: C-0017/1985
  • ލެމިންޓަންސް ޖުވެލްސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް، ރެޖިސްޓްރޭޝަން ނަންބަރު: C-0375/1996
  • އެމް.ޔޫ.ކޭ އެޕަރަލްސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް، ރެޖިސްޓްރޭޝަން ނަންބަރު: C-0079/1998
  • ލަކްޖެމްސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް، ރެޖިސްޓްރޭޝަން ނަންބަރު: C-0201/1999
  • އޯޝަން ވެލް ގާމެންޓްސް ޕްރައިވެޓް ލިމިޓެޑް، ރެޖިސްޓްރޭޝަން ނަންބަރު: C-142/2000

މި ކުންފުނިތަކުގެ ޑިރެކްޓަރުން، ހިއްސާދާރުން ނުވަތަ މަންދޫބުން ލަސްނުކޮށް އިންވެސްޓް މޯލްޑިވްސްއަށް ގުޅައި، އިންތިގާލީ މަރުހަލާގެ ޝަރުތުތައް ކަށަވަރުކުރުމަށާއި އާ އުސޫލުތަކަށް އަމަލުކުރަންޖެހޭ ގޮތް ދެނެގަތުމަށް މިނިސްޓްރީން ވަނީ އަންގައިފައެވެ. މިނިސްޓްރީގެ މަގުސަދަކީ މި މަރުހަލާގައި ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަމާއި ލަފާ ފޯރުކޮށްދިނުން ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

މިކަމާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ ފޮރިން އިންވެސްޓްމަންޓް ޔުނިޓްގެ ނަންބަރު 3333181 ނުވަތަ 3333182 އަށް ގުޅުމަށް، އަދި އީމެއިލް މެދުވެރިކޮށް ނަމަ [email protected] އަށް މެއިލް ކުރުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.