ދިވެހިންނަށް ހާއްސަކޮށްފައިވާ ވިޔަފާރީގެ ދާއިރާތަކުގައި ހަރަކާތްތެރިވުމަށް ރަޖިސްޓްރީކޮށްފައިވާ ބޭރުގެ 28 ކުންފުންޏެއް، އިކޮނޮމިކް މިނިސްޓްރީން އުވާލައި އެ ކުންފުނިތަކުގެ ލިސްޓު އާންމުކޮށްފިއެވެ.

އެ ކުންފުނިތައް އުވާލާފައިވަނީ ގާނޫނުގެ ދަށުން ރަޖިސްޓްރާ އޮފް ކޮމްޕެނީސްއަށް ލިބިފައިވާ ބާރުގެ ދަށުންނެވެ. އެ ވިޔަފާރިތައް އުވާލީ ފޮރިން އިންވެސްޓްމަންޓް ގާނޫނުގެ ދަށުން އެކުލަވާލައި، މިދިޔަ އަހަރު ޝާއިއުކުރި "ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއާމެންޓްސް" އުސޫލުގެ ދަށުންނެވެ.

އިކޮނޮމިކް މިނިސްޓްރީން ރޭ ބުނީ ދިވެހިންނަށް އަލަށް ހާއްސަކުރި ވިޔަފާރިތަކުގައި މިހާރުވެސް އިންވެސްޓްކޮށްފައިވާ ބޭރުގެ ފަރާތްތަކަށް ގެއްލުން ނުވާނެހެން، އެ ދާއިރާތައް ދޫކޮށްލުމަށް ނުވަތަ ހުއްދަ އޮތް އެހެން ދާއިރާތަކަށް ބަދަލުވުމަށް އެކަށީގެންވާ މުއްދަތެއް ދީފައިވާނެ ކަމަށެވެ.

އެ ކުންފުނިތައް އުވާލާފައިވަނީ ކުންފުނިތަކާ ބެހޭ ގާނޫނުގައި ބަޔާންކުރާ ހުރިހާ އިޖުރާއާތުތައް ފުރިހަމަކުރުމަށް ފަހުގައިކަމަށް މިނިސްޓްރީން ބުންޏެވެ.

"ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއާމެންޓްސް" މަގުސަދަކީ ދިވެހިންގެ ހުނަރާއި ގާބިލުކަން އިތުރުވަމުން އަންނަ ދާއިރާތަކުން ދިވެހިންނަށް އިސްކަންދީ، ބޭރުގެ ތަޖުރިބާއާއި ބޮޑެތި އިންވެސްޓްމަންޓްތައް ބޭނުންވާ ދާއިރާތަކުން ބޭރުގެ ފަރާތްތަކަށް ފުރުސަތު ހުޅުވާލުމެވެ.

މީގެ އިތުރުން ބައެއް ދާއިރާތަކުގައި ދިވެހި ހިއްސާދާރަކާއެކު ޖޮއިންޓް ވެންޗާ އުސޫލުން މެނުވީ ބޭރުގެ ފަރާތްތަކަށް ވިޔަފާރި ނުކުރެވޭ ގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ.

އެ އުސޫލުގެ ދަށުން ދިވެހިންނަށް ހާއްސަކޮށް، ބޭރުގެ ފަރާތްތަކަށް އިންވެސްޓްކުރުން ހަނިކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި، ލޮޖިސްޓިކްސް، އާންމު ކަނޑު ދަތުރުފަތުރުގެ ހިދުމަތް، އަދި ބަންކަރިން ހިދުމަތް ހިމެނެއެވެ.

މީގެއިތުރުން 15 މިލިއަން ޑޮލަރުން ދަށުގެ ކޮންސްޓްރަކްޝަން މަޝްރޫއުތަކާއި، 100 މިލިއަން ޑޮލަރުން ދަށުގެ ރިއަލް އެސްޓޭޓް މަޝްރޫއުތައްވެސް ވަނީ ދިވެހި ވިޔަފާރިތަކަށް ހާއްސަކޮށްފައެވެ.