ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ވެރިރަށް އަބޫ ދާބީއަށް އެތެރެވާއިރު ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރަން ނުޖެހޭ ގައުމުތަކުގެ ލިސްޓުން ރާއްޖެ އުނިކޮށްފި އެވެ.
އަބޫދާބީއަށް އެތެރެވާއިރު ކަރަންޓީނުވާން ނުޖެހޭ ގައުމުތައް ހިމަނައި އެ ސިޓީގެ ޓޫރިޒަމް ޑިޕާޓްމަންޓުން އެކުލަވާލާފައިވާ "ގްރީން ލިސްޓް"ގައި ހިމެނޭ ގައުމުތަކުން އެތެރެވާ މީހުން ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރާކަށް ނުޖެހޭނެ އެވެ.
ނަަމަވެސް މިދިޔަ މަހު އަބޫދާބީން ވަނީ ގްރީން ލިސްޓުގައި ހިމެނޭ ގައުމުތަކުގެ ތެރެއިން އެ ސިޓީއަށް އެތެރެވާ މީހުން އެއާޕޯޓުން ޕީސީއާރު ޓެސްޓެއް ހެދުމަށް އަންގައިފަ އެވެ. އަދި އެތެރެވާތާ ހަ ވަނައަށްވާ ދުވަހު އިތުރު ޓެސްޓެއް ހަދަން ޖެހޭނެ އެވެ.
އެގޮތުން މިދިޔަ މަހުގެ 25 ވަނަ ދުވަހު އާންމު ލިސްޓުގައި 17 ގައުމު އޮތް ނަމަވެސް މިފަހުން އަޕްޑޭޓްކުރި ލިސްޓުގައި މިހާރު އޮތީ 12 ގައުމެވެ. އެ ލިސްޓުން ރާއްޖެ ހިމެނޭހެން ހަތް ގައުމެއް ވަނީ އުނިކޮށްފަ އެވެ. އެއީ ބަހްރެއިން، އޮމާން، ގަތަރު، ތައިލެންޑު، ފޯކްލޭންޑް އައިލެންޑްސް އަދި ސެއިންޓް ކިޓްސް އެންޑް ނެވިސް އެވެ.
އެ ލިސްޓަށް މިފަހުން އިތުރު ކޮށްފައިވަނީ ބޫޓާން އާއި އައިސްލެންޑެވެ. ގްރީން ލިސްޓުގައި ދެން ހިމެނެނީ އޮސްޓްރޭލިއާ، ބުރުނާއީ، ޗައިނާ، ގްރީންލޭންޑް، ހޮންގް ކޮންގް، އައިސްލެންޑް، މޮރިޝަސް، މޮންގޯލިއާ، ނިއު ޒިލެންޑް، ސައުދި އަރަބިއާ އަދި ސިންގަޕޫރެވެ.
އަބޫދާބީގެ ޓޫރިޒަމް ޑިޕާޓްމަންޓުން ނެރެފައިވާ ބަޔާނެއްގައި ބުނީ ގްރީން ލިސްޓުގައި ހިމެނޭ ގައުމުތަކާއި ސަރަހައްދުތަކަށް އަންނަ ބަދަލުތަކަށް ބަލައި ގްރީން ލިސްޓު އަޕްޑޭޓް ކުރަމުންދާނެ ކަމަށެވެ.
ޔޫއޭއީން ކޮވިޑު ކޭސްތައް އިތުރުވަމުންދާތީ މިދިޔަ ހަފުތާގައި ވަނީ ފިޔަަޅުތައް ހަރުކަށިކޮށްފަ އެވެ. އެގޮތުން ހުރިހާ ޕާޓީތަކާއި އެއްވުންތައް ބޭއްވުން މަނާކޮށް، އެގައުމުގެ ހުރިހާ ސިނަމާތަކެއް ވަނީ ބަންދުކޮށްފަ އެވެ. އޭގެ އިތުރުން ޝޮޕިން މޯލްތަކާއި ޖިމްތަކާއި ޕްރައިވެޓް ބީޗުތަކާއި ސްވިމިން ޕޫލްތަކުގެ ކެޕޭސިޓީ ވަނީ ލިމިޓް ކޮށްފަ އެވެ.