އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ސިޓީން ކުޅުނު މެޗުގައި ބޮޑު ތަފާތަކުން ލިވަޕޫލް ބަލިކޮށް، އެއްވަނައިގައި ލީޑު ފުޅާކޮށްފިއެވެ.
ލިވަޕޫލްގެ ދަނޑުގައި މިރޭ ކުޅުނު މެޗު ސިޓީން ކާމިޔާބުކުރީ 4-1ގެ ނަތީޖާއަކުންނެވެ. އަމިއްލަ ދަނޑުގައި ލިވަޕޫލުން ބޮޑު ބައްޔަކާ ކުރިމަތިލާން ޖެހިފައިވާ އިރު، އެންމެފަހުން ހޯމްގައި ކުޅުނު ހަ މެޗުގެ ތެރެއިން ތިން މެޗުން ލިވަޕޫލް ވަނީ ބަލިވެފައެވެ. މިދިޔަ މަހު ބާންލީއާ ދެކޮޅަށް ހޯމްގައި ކުޅެ ބަލިވި މެޗަކީ ލިވަޕޫލުން ލީގުގައި ކުޅުނު މެޗުތަކުގެ ތެރެއިން ހޯމްގައި ބަލިނުވެ 68 މެޗު ހަމަކުރުމަށްފަހު ވި ފުރަތަމަ ބައްޔެވެ. އޭގެ ފަހުން ހޯމްގައި ބްރައިޓަން އަތުންވެސް ލިވަޕޫލް ބަލިވެފައިވާ އިރު، މިރޭގެ ބައްޔާއެކު އެޓީމަށް 23 މެޗުން ލިބިފައި ވަނީ 40 ޕޮއިންޓެވެ.
އެންމެފަހުގެ ޗެމްޕިއަން ލިވަޕޫލް 40 ޕޮއިންޓާއެކު ހަތަރުވަނައިގައި އޮތް އިރު، ސިޓީން ވަނީ މިރޭގެ މޮޅާއެކު އެއްވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފައެވެ. އެޓީމަށް 22 މެޗުން 50 ޕޮއިންޓް ލިބިފައިވާ އިރު، އެންމެ ގާތުން ވާދަކުރާ މެންޗެސްޓާ ޔުނައިޓެޑަށް 23 މެޗުން ލިބިފައިވަނީ 45 ޕޮއިންޓެވެ.
މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ރަނގަޅު ޕާސްތަކަކާއެކު ދެޓީމުންވެސް ޑިފެންސަށް ސަމާލުވެގެން ކުޅެފައިވާ އިރު، އެންމެ ފުރަތަމަ ހަމަލާ ފެނުނީ ލިވަޕޫލްގެ ރޮބާޓޯ ފިރްމީގޯގެ ފަރާތުންނެވެ. ދުރުން އޭނާ ފޮނުވާލި ހަމަލާ މަތަކުރީ ސިޓީ ގޯލްކީޕަރު އެޑަސަންއެވެ. އަނެއްކޮޅުން ސިޓީއަށް ވަނީ ލީޑު ނަގަން ޕެނެލްޓީއެއް ލިބިފައެވެ. އެ ޕެނެލްޓީ އިލްކޭ ގުންޑޮގަން ޖެހީ މަތިންނެވެ.
ދެވަނަ ހާފުގައި މެޗުގެ އޮއިވަރު ބަދަލުކޮށްލިއެވެ. ދެކޮޅުންވެސް ހަމަލާތައް ގިނަކޮށް ފެނިގެން ދިޔަ އިރު، ހާފުގެ ކުރީކޮޅުގައި ގުންޑޮގަން ވަނީ ސިޓީއަށް ލީޑު ނަގައިދީފައެވެ. އެ ގޯލާއެކު ކުޅެމުން ދަނިކޮށް، ލިވަޕޫލުން ނަތީޖާ ހަމަހަމަ ކުރީ ޕެނެލްޓީއަކުންނެވެ. ރުބެން ޑިއާޒް، އޭރިއާ ތެރެއިން މުހައްމަދު ސަލާހަށް ކުރި ފައުލަށް ލިބުނު ޕެނެލްޓީ ކާމިޔާބު ކުރީވެސް ސަލާހެވެ.
ދެން ފެނުނީ ލިވަޕޫލް ގޯލްކީޕަރު އެލިސަން ބެކާގެ ދެ ގޯހަކުން ސިޓީ ދެ ގޯލު ޖެހިތަނެވެ. އެލިސަންގެ ދެ މިސް ޕާހެއްގެ ބޭނުން ހިފައި ގޯލުތައް ޖަހައިދިނީ ގުންޑޮގަންއާއި ރަހީމް ސްޓާލިންނެވެ. ސިޓީގެ ހަތަރުވަނަ ގޯލު އަރިމަތިން އަރައި ފިލް ފޮޑެން ޖަހައިދިން އިރު، އެ ގޯލަކީވެސް ގޯލްކީޕަރުގެ ގޯހެއް ކަމަށް ފާހަގަވެގެން ދިޔައެވެ.
ސިޓީން އެންމެފަހުން ކުޅުނު 14 މެޗުންވެސް މޮޅުވެފައިވާ އިރު، އެޓީމުން ވަނީ 10 މެޗުގައި ކްލީންޝީޓް ދަމަހައްޓައިފައެވެ. އެ މެޗުތަކުގައި ސިޓީން 20 ގޯލު ޖަހާފައިވާ އިރު، ކޮޅަށް ވަދެފައި ވަނީ އެންމެ ހަތަރު ގޯލެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު