ހަތެއް ފެބްރުއަރީ 2012 ގައި ސަލާމަތީ ބާރުތަކުން އުޅުނީ އެމަނިކުފާނުގެ އަނބިދަރިންގެ ގަޔަށް އަރަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތުކުރައްވައިފިއެވެ.
"ސަންގު ޓީވީ"އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ، ހަތެއް ފެބްރުއަރީގެ މައްސަލަ ބަލައި ތަހުގީގުކުރަން ޖެހޭ ކަމަށެވެ. އަދި ވެރިމީހާއާ ދެކޮޅަށް ނުކުތް ސިފައިންނާއި ފުލުހުން ވަޒީފާއިން ވަކިކޮށް، އެމީހުންނަށްވެސް ފިޔަވަޅު އަޅަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ހަތެއް ފެބްރުއަރީގެ އަނިޔާވެރިކަން ސިފަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެ ދުވަހު ފުލުހުން އެންމެ ފުރަތަމަވެސް އުޅުނީ އެމަނިކުފާނުގެ އަނބިދަރިންގެ ގަޔަށް އަރަން ކަމަށެވެ.
"ތި ވިދާޅުވިހެން އަރައިގަތީ އަޅުގަނޑުގެ އަނބިދަރިން ގަޔަށް. ލައިލާ އާއި މީރާ އާއި ޒާރާއާއި އެމީހުންނާ ދިމާލަށް އެންމެ ބާރަށް ދިޔައީ. އެމީހުން ޖެހުނީ ނުކުމެގެން ފިލައިގެން ދާން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް އެ ދުވަހު ލިބިވަޑައިގަތް އަނިޔާއާއި ގެއްލުމާއި ކުރިމަތިވެވަޑައިގެންނެވި ނުރައްކަލާ މެދުގައި ހިތްބަރުކަމެއް ނެތް ކަމަށެވެ. ނަމަވެސް އެހެން ބޭފުޅުންނަށް ކުރިމަތިވެވަޑައިގެންނެވި ނުރައްކަލާ މެދު ހިތްބުރަކަމެއް ނުބޭއްވުމާ މެދު ގޮތެއް ނިންމަވާނީ އެ ބޭފުޅުން ކަމަށެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ހުދުމުހުތާރު ވެރިއަކު ވެރިކަމުން ދުރުކުރެވުން އެއީ އަދި މުޅި ނިޒާމު އިސްލާހުވީ ނޫން ކަމަށާއި ނިޒާމު އިސްލާހުކުރުމުގެ މަސައްކަތް އެމްޑީޕީން ކުރާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު