ޚަބަރު

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފުރަތަމަ ސްކޫލް އަޅަން އަމީން ކޮންސްޓްރަކްޝަނަށް

އަލީ އަފާފް ރަމީޒު

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފުރަތަމަ ސްކޫލް އަޅަން އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށް، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހްމަދު ރިޔާޒެވެ. އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރު މުހައްމަދު އިރްފާނެވެ.

"ސަލާހުއްދީން ސްކޫލް"ގެ ނަމުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅަން ނިންމާފައިވާ އާ ސްކޫލު އިމާރާތް ކުރުމަށް އަމީން ކޮންސްޓްރަކްޝަނާ މަޝްރޫއު ހަވާލުކޮށްފައިވަނީ 118،336،879 ރުފިޔާގެ އަގަކަށް، 390 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. މިއީ 2019 ވަނަ އަހަރުގެ ޕީއެސްއައިޕީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އުންމީދު ކުރަނީ އަންނަ އަހަރުގެ މާރިޗް މަހުގެ ފަހުކޮޅުގައި އެ ސްކޫލުގެ މަސައްކަތް މުޅީން ނިންމާލެވޭނެ ކަމަށެވެ.

ހުޅުމާލޭގައި މިހާރު ތިން ސްކޫލު ހުރެއެވެ. އެެއީ ޣާޒީ ސްކޫލާއި ރެހެންދި ސްކޫލް އަދި ހުރަވީ ސްކޫލެވެ. އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގައި މަދުވެގެން ތިން ސްކޫލު އަޅާނެކަމަށް މީގެކުރިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ބުނެފައެވެ.