މިއަހަރުގެ އޭޝިއާ އިކޮނޮމިކް ޑައިލޮގްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މިމަހުގެ 26 އިން 28 އަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އާއި ޕޫނޭ އިންޓަނޭޝަނަލް ސެންޓަރު ގުޅިގެން ބާއްވާ އޭޝިއާ އިކޮނޮމިކް ޑައިލޮގްގައި އިންޑިއާ ސަރުކާރުގެ ދައުވަތަކަށް މިނިސްޓަރު ޝާހިދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

ކޮވިޑަށްފަހު ބައިނަލްއަގުވާމީ ވިޔަފާރި އާއި މާލީ ކަންތައްތައް ބަދަލުވެގެންދާނެ ގޮތުގެ މައްޗަށް އަލިއަޅުވާލައި މިއަހަރު ބާއްވާ މި ބައްދަލުވުމުގައި މިމަހުގެ 28 ވަނަ ދުވަހު އޮންނަ ޕެނަލްގައި މިނިސްޓަރު ޝާހިދު ބައިވެރިވެވަޑައިގަންނަވާނީ ވާޗުއަލްކޮށް ކަމަށް މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނީ އޭޝިއާ އިކޮނޮމިކް ޑައިލޮގްގައި މިނިސްޓަރު ޝާހިދުގެ އިތުރުން އިންޑިއާގެ ހާރިޖީ ވަޒީރާއި މި ސަރަހައްދުގެ އެހެން ބައެއް ގައުމުތަކުގެ ހާރިޖީ ވަޒީރުންނާއި މާލީ އަދި އިގުތިސާދީ މާހިރުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

މިއީ އޭޝިއާ އިކޮނޮމިކް ޑައިލޮގް ބާއްވާ ފަސްވަނަ ފަހަރެވެ. އިންޑިއާގެ ހާރިޖިއްޔާއާ ގުޅިގެން މި ޑައިލޮގް އިންތިޒާމްކުރާ ޕޫނޭ އިންޓަނޭޝަނަލް ސެންޓަރަކީ 2011 ވަނަ އަހަރު ލޯންޗުކުރި ތިންކް ޓޭންކެކެވެ.