މިދިޔަ ހަފުތާ ތެރޭގައި އުމުރުން 36 އަހަރުވި ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ގޯލާއެކު، ޔުވެންޓަސްއިން ރޯމާ ބަލިކޮށް، އެޓީމުން ސެރެއާ އޭ ތާވަލުގެ ތިންވަނައަށް ޖެހިލައިފިއެވެ.
ރޭ ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މެޗު 2-0ގެ ނަތީޖާއަކުން އެ ޓީމު ކާމިޔާބު ކުރިއިރު، ރޮނާލްޑޯގެ އިތުރުން މެޗުގައި ޔުވެންޓަސްއިން ޖެހި ގޯލަކީ އިބަނޭޒް ޑަ ސިލްވާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ރޭގެ މެޗު ޔުވެންޓަސްއަށް މުހިއްމުވީ މެޗަށް ނުކުތްއިރު ތިންވަނައިގައި އޮތް ރޯމާ ހަތަރުވަނައަށް ވައްޓާލުމަށެވެ. އެކަން ޔުވެންޓަސްއިން ހާސިލް ކޮށްފައި ވަނީ 20 މެޗުން 42 ޕޮއިންޓް ހޯދައިގެންނެވެ. ރޯމާ މެޗެއް އިތުރަށް ކުޅެފައިވާއިރު، އެޓީމަށް ލިބިފައި ވަނީ 40 ޕޮއިންޓެވެ.
މިވަގުތު ސެރެއާ އޭ އެއްވަނައިގައި އޮތް އިންޓަ މިލާން 21 މެޗުން 47 ޕޮއިންޓް ހޯދާފައިވާއިރު، ދެވަނައިގައި އޮތީ ވާދަވެރި އޭސީ މިލާނެވެ.
ރޭގެ މެޗުގެ 13 ވަނަ މިނެޓުގައި ރޮނާލްޑޯ ޔުވެންޓަސްއަށް ލީޑު ނަގައއިދިނެވެ. އޭނާ މި ސީޒަނުގައި ޖެހި 23 ވަނަ ގޯލާއެކު ރޮނާލްޑޯ ލީޑު ނަގައިދިންއިރު، އެ ގޯލަކީ އެންމެފަހުން އޭނާ ލީގުގައި ކުޅުނު ތިން މެޗުގައި ޖެހި ފުރަތަމަ ގޯލެވެ.
އެންމެފަހުގެ ޗެމްޕިއަން ޔުވެންޓަސްއިން އެންމެފަހުން ކުޅުނު ހަ މެޗުންވެސް މޮޅުވެފައިވާއިރު، ރޯމާއަށްވެސް ވަނީ މެޗުގައި ގޯލް ޖަހަން ފުރުސަތުތަކެއް ލިބިފައެވެ. ގިނަ ފުރުސަތުތައް ގޯލަށް އަމާޒު ނުވެ ބޭރަށް ގޮސްފައިވާއިރު، މެޗުގައި ޔުވެންޓަސްގެ ގޯލްކީޕަރު ވޮޗެކް ޝެޒްނީއަށް މާ ބޮޑެތި ސޭވްތަކެއް ކުރަން ޖެހިފައެއް ނުވެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު