ފްރާންސް ޑިފެންޑަރު ރަފޭލް ވަރާންގެ ދެ ގޯލާއެކު ރެއާލް މެޑްރިޑުން ސްޕެނިޝް ލަލީގާގެ ތާވަލުގެ ފުލުގައި އޮތް ހުއެސްކާ ބަލިކޮށްފިއެވެ.

ރެއާލް އިން ފަހަތުން އަރައި ހުއެސްކާ ބަލިކުރީ 2-1ގެ ނަތީޖާއަކުންނެވެ. މެޗުން މޮޅުވެ ރެއާލްއިން ވަނީ ތާވަލުގެ ދެވަނައަށް ޖެހިލައިފަ އެވެ. ކޯޗު ޒައިނުއްދީން ޒިދާން ބޮޑު ޕްރެޝަރެއްގައި މިވަގުތު ހުރި އިރު، މެޗުގެ ކުރިން ޒިދާން ވަނީ ނޫސްވެރިންނަށް ހިތްހަމަ ނުޖެހުން ވެސް ފާޅުކޮށްފަ އެވެ.

މިދިޔަ ސީޒަންގެ ޗެމްޕިއަން ރެއާލް އިން މި ސީޒަން ދަށްކޮށް ފަށާފައިވާއިރު، އެންމެ ބޮޑަށް ޒިދާން ޕްރެޝަރަށް ދިޔައީ ތިންވަނަ ޑިވިޝަން ޓީމެއްގެ އަތުން ކޮޕަ ޑެލްރޭއިން ކެޓުމުންނެވެ. މިރޭގެ މެޗުން މޮޅުވެ، ރެއާލް އިން ލީގުގެ ދެވަނައިގައި އޮތީ 21 މެޗުން 43 ޕޮއިންޓާއެކުގަ އެވެ. އެއްވަނައިގައި އެތުލެޓިކޯ މެޑްރިޑް 19 މެޗުން 50 ޕޮއިންޓާއެކު އޮތްއިރު، ވާދަވެރި ބާސެލޯނާ ލީގު ތާވަލުގެ ތިންވަނައިގައި އޮތީ 20 މެޗުން 40 ޕޮއިންޓާއެކުގަ އެވެ.

މެޗުގެ ފުރަތަމަ ހާފު 0-0 އިން ނިމިގެން ދިޔައިރު، ދެވަނަ ހާފުގެ ކުރީކޮޅުގައި ހުއެސްކާގެ ހަވީ ގަލަން ޖެހި ގޯލާއެކު ރެއާލް ސިއްސުވާލި އެވެ. ނަމަވެސް އެ ގޯލަށް ރެއާލް އިން ރައްދު ދޭކަށް މާގިނައިރެއް ނުނަގަ އެވެ. ހުއެސްކާއިން ގޯލު ޖެހިތާ 10 މިނެޓް ވެސް ނުވަނީސް، ވަރާން ނަތީޖާ ހަމަހަމަ ކޮށްދިނެވެ.

ރެއާލް އިން މާޔޫސް ކަމުގައި ޕޮއިންޓެއް ހޯދައިގެން މެޗު ނިންމާލަން ދަނިކޮށް 84 ވަނަ މިނެޓުގައި ވަރާންގެ ދެވަނަ ގޯލަކާއެކު އެޓީމުން ނަތީޖާ އަނބުރާލާފައިވާއިރު، މިއީ އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ރެއާލް މޮޅުވި ފުރަތަމަ މެޗެވެ.

ރެއާލް މެޗުގައި ދެއްކި ކުޅުމާއެކު އަދިވެސް ޕްރެޝަރު ކުޑަވާނެ ކަމަކަށް ނުބެލެވެ އެވެ. މިރޭގެ މެޗަށް ނުކުތްއިރު، ސީޒަންގައި ކުޅުނު 21 މެޗުގެ ތެރެއިން ހުއެސްކާ މޮޅުވެފައިވަނީ އެންމެ ދެ މެޗުންނެވެ. އެ ފޯމުގައި އޮތް ޓީމެއް ކައިރިން ރެއާލްގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ފެނިފައިނުވާއިރު، މެޗުގައި މާ ގިނަ ހަމަލާތަކެއް ވެސް ރެއާލްއަށް އުފެއްދިފައެއް ނުވެއެވެ.