ގދ. ގައްދޫ ކައިރީގައި އޮންނަ ފަޅުރަށަކަށް ދަތުރު ދިޔަ ކުއްޖެއްގެ ބޮލަށް ފާރެއް ވެއްޓި ހާލު ސީރިއަސްވެ ފަރުވާ ދޭން ފަށައިފި އެވެ.

ގައްދޫ ކައުންސިލް މެންބަރު އަދި އަނިޔާވި ކުއްޖާގެ އާއިލީ ގުޅުމެއް އޮންނަ، އާމިރު އަބްދުﷲ މިއަދު "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ހާދިސާ ހިނގީ އެރަށް ކުރިމަތީގައި އޮންނަ "ލޮނަދޫ ހުއްޓާ"އަށް އެހެން ކުދި ބަޔަކާއެކު ދަތުރު ގޮސް ހުއްޓައި ކަމަށެވެ.

މީގެ 12 އަހަރު ކުރިން ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އައި މިރަށަށް ދަތުރު ގޮސް އުޅެނިކޮށް މި ހާދިސާ ހިނގީ، އަރި އަޅާލާފައި ހުރި ބިއްގަނޑެއް ވައްޓާލުމަށް ތަނބެއް ހަލާކުކޮށްލަން އުޅުމުގެ ތެރޭގައި ކަމަށް ހާދިސާ ހިނގި ވަގުތު އެތަނުގައި ހުރި އެހެން ކުއްޖެއްގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށް އާމިރު ވިދާޅުވި އެވެ.

އަނިޔާވެ ހާލު ސީރިއަސްވެ މިހާރު ތިނަދޫގައި ހުންނަ އަބްދުއްސަމަދު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ ގައްދޫ، އުމުރުން 17 އަހަރުގެ މުހައްމަދު ފިރުޝާނު އެވެ.

"ފިރުޝާނުގެ ގައިގެ ތިން ހަތަރު ތަނަކުން ބިންދައިގެން ގޮސްފަ ހުރެދާނެ. ފައިގެ ކުޑަ ހުޅުވެސް ވަރަށް ބޮޑަށް ހަލާކުވެފަ އޮތީ. ލިބުނު އަނިޔާގެ ތަފްސީލު އެނގޭނީ ސީޓީ ސްކޭންތަކަށް ފަހު." އޭނާ ވިދާޅުވި އެވެ.

އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ސައިދު މިއަދު "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ގައްދޫން ގެންދިޔަ 17 އަހަރުގެ ފިރިހެން ކުއްޖަކަށް އެ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި ހާލު ވަރަށް ސީރިއަސް ކަމަށް އޭނާ ބުންޏެވެ.

ސައިދު ވިދާޅުވީ ފިރުޝާން އެ ހޮސްޕިޓަލަށް ގެންދިޔަ އިރު ހޭވެރިކަން ހުރި ކަމަށާއި ނަމަވެސް މިހާރު ހޭވެރިކަން ނެތް ކަމަށެވެ. އަދި އޭނާގެ ހަށިގަނޑުގައި ގިނަ ފްރެކްޗާތަކެއް އެބަހުރި ކަމަށާއި ބޮލަށް ވެސް އަނިޔާވެފައިވާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އަނިޔާގެ ތަފްސީލެއް މިވަގުތު ވިދާޅުވާން ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.