މި ސީޒަނުގައި ރެއާލް މެޑްރިޑުގެ ފޯމް ކަޓައި، މިހާތަނަށް ނެރުނު ނަތީޖާތަކުގެ ސަބަބުން މީޑިއާއިން ދައްކަމުންދާ ބައެއް ވާހަކަތަކާ މެދު ހިތްހަމަ ނުޖެހި، ކޯޗު ޒައިނުއްދީން ޒިދާން ނުރުހުން ފާޅުކޮށްފިއެވެ.

ޒިދާން ބުނެފައި ވަނީ ރެއާލްއިން ޒިދާން ވަކި ކުރުމަށް ނޫސްވެރިން ބޭނުންވާ ކަމަށާއި އަބަދު އެ ސުވާލުކުރަނީ ޕްރެޝަރު ބޮޑު ކުރަން ކަމަށެވެ. އެހެން ނަމަވެސް މިވަގުތުވެސް ރެއާލް އޮތީ ސްޕެނިޝް ލަލީގާ ހޯދުމުގެ ރޭހުގައި ކަމަށްވެސް ޒިދާން ފާހަގަކުރިއެވެ. އެންމެފަހުގެ ލަލީގާ ޗެމްޕިއަން ރެއާލް މިވަގުތު ތާވަލުގެ ތިންވަނައިގައި އޮތީ އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށްވުރެ 10 ޕޮއިންޓް ފަހަތުން ތިންވަނައިގައެވެ.

"އަހަރެން ކައިރިޔަށް ހިނިވެސް އާދޭ އަހަރެން ރުޅި އަންނަނީ ކީއްވެތޯ އަހާނެތީ. އަހަންނަށް ހައްގެއް ނޫން ނޫސްވެރިންގެ ފިއްތުންތަކާ ކުރިމަތިލާކަށް. މިދިޔަ ސީޒަނުގައި އަހަރެމެން ލީގު ކާމިޔާބުކުރިން. އެހެންވީމަ އަހަރެން އިހުތިރާމް ބޭނުން. މިދިޔަ ސީޒަނަށް ޓީމަށް ބަދަލުތަކެއް ގެންނަން ޖެހޭ. އެކަމަކު މި ސީޒަންގެ ލީގު ހޯދުމަށް މިދިޔަ ސީޒަންގެ ޗެމްޕިއަން ޓީމު މަސައްކަތް ކުރުވަން ވަގުތު ދޭން ޖެހޭ،" ޒިދާން ބުނެފައިވެއެވެ.

ޒިދާން ބުނެފައި ވަނީ މި ދައްކަނީ 10 އަހަރު ކުރީގެ ވާހަކައެއް ނޫން ކަމަށާއި އެ ޓީމާއި ކޯޗަށް އިހުތިރާމް ކުރަން ޖެހޭ ކަމަށެވެ.

"މީޑިއާއިން އެތައް އެތައް ވާހަކައެއް އެބަދައްކާ. އެކި ގޮތްގޮތުން. ސީދާ ސީދަލަށް ބުނަން ބޭނުންވާ އެއްޗެއް ނުބުނޭ. ބުނަން ބޭނުންވާ އެއްޗެއް މޫނު ކުރިމަތީ ބުނަން ޖެހޭނެ. އަހަރެން ބޭރުކޮށްލަން ބޭނުންވާ ވާހަކަވެސް ބުނޭ!،" ރުޅި ގަދަވެފައި ހުރެ ޒިދާން ބުނެފައިވެއެވެ.

2016 ވަނަ އަހަރުން ފެށިގެން ރެއާލްގެ ކޯޗުގެ ގޮތުގައި ކާމިޔާބު ތިން ސީޒަނަށްފަހު ޒިދާން ކުޑަ ޗުއްޓީއެއް ނަގައި، އަލުން ރެއާލްއާ ހަވާލުވީ 2019 ވަނަ އަހަރު މާޗު މަހުގައެވެ. ފުރަތަމަ ފަހަރު ރެއާލްއާއެކު ޖެހިޖެހިގެން ތިން ޗެމްޕިއަންސް ލީގު ޒިދާން ނެގި ނަމަވެސް، މި ބުރުގައި ޒިދާންއާއެކު ރެއާލްއަށް އެންމެ ޓޮޕް ލެވެލް ކުޅުމެއް ދެއްކިފައެއް ނުވެއެވެ.