ޓާފް ރޯލެއް ދަށުވެ މަޖޫރީއަކަށް އަނިޔާވި ހާދިސާއާ ގުޅިގެން، އެމްޕީއެލްގެ ފަރާތުން ކުރިއަށްގެންދާ ތަހުގީގު ނިމެންދެން މިނާ އިންވެސްޓްމަންޓް ގުރޫޕާއި، ހާދިސާއާ ގުޅުންހުރި އޮޕަރޭޝަނުގައި މަސައްކަތްކުރަމުންދިޔަ އެމްޕީއެލްގެ މުވައްޒަފުން ސަސްޕެންޑް ކުރަން ނިންމައިފިއެވެ.
ރޭ ދަންވަރު ހިނގި މި ހާދިސާއާ ގުޅިގެން އެމްޕީއެލުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، މާލޭ ވިޔަފާރި ބަނދަރުގައި ރޭ ދަންވަރުގެ ވަގުތެއްގައި ހިނގި ހާދިސާއެއްގައި، "މިނާ އިންވެސްޓްމަންޓް" ކްލިއަރަންސް ގުރޫޕްގެ މަޖޫރީއަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން، އެމްޕީއެލްގެ އެކްސިޑެންޓް އެންޑް އިންވެސްޓިގޭޝަން ކޮމެޓީން މިއަދު ތަހުގީގު ފަށާފައިވާ ކަމަށާއި އެގޮތުން، ހާދިސާގެ ތަހުގީގުން ވަކި ގޮތެއް ކަނޑައަޅަންދެން، މިނާ އިންވެސްޓްމަންޓް ގުރޫޕާއި އެ ހާދިސާއާ ގުޅުންހުރި އޮޕަރޭޝަންގައި މަސައްކަތްކުރަމުންދިޔަ އެމްޕީއެލްގެ މުވައްޒަފުން ސަސްޕެންޑްކުރުމަށް ކޮމެޓީން ނިންމާފައިވާކަމަށް އެމްޕީއެލްގެ ބަޔާނުގައި ބުނެފައިވެއެވެ.
އެމްޕީއެލުން ބުނީ، މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް، ޒިންމާވާން ޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި މާލޭ ވިޔަފާރި ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާކުރުމަށް، ގަވައިދުތަކާއި އުސޫލުތަކަށް ބަދަލުތަކެއް ގެންނަން މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޕީއެލްއިން ބުންޏެވެ.
ޓާފް ރޯލެއް ދަށުވެ ޒަހަމް ވެފައިވަނީ ދިވެއްސެކެވެ. އެނގިފައިވާ ގޮތުގައި އޭނާގެ ހާލު ސީރިއަސްއެވެ.
ފުލުހުން ބުނީ މި ހާދިސާގައި އަނިޔާ ލިބުނު މީހާގެ ދެފައި އިރައިގެން ގޮސްފައިވާ ކަމަށާއި މޫނުމައްޗަށް އަނިޔާވެ، އަނގައިން ލޭ އައިސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މި ހާދިސާ ހިނގީ އެމްޕީއެލްގެ ޔާޑުގައި ހުރި ކާޕެޓް ރޯލުތަކެއް ބޭރަށް ނެރުމަށްޓަކައި ކެރޭނުން ދޯންޏަކަށް އެރުވުމުގެ ތެރޭގައި ބެލެންސް ކެޓުމުގެ ސަބަބުން، ކާޕެޓް ރޯލު އެމީހާގެ ގައިމައްޗަށް ވެއްޓިގެންނެވެ.
އެމްޕީއެލްގެ މަޖޫރީއަކަށް އަނިޔާވެފައިވާ އިރު، މިދިޔަ މަހުގެ ހަތްވަނަ ދުވަހު އެމްޕީއެލްގައި ބިއްލޫރި ޕެލެޓެއް ވެއްޓި އަނިޔާވި ޒުވާނަކު ވަނީ ފަރުވާދެމުން ދަނިކޮށް މަރުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު