މާލޭ ސަރަހައްދުގައި ކޮވިޑުގެ ކޭސްތައް އިތުރުވުމުން ބަލި މީހުންގެ ރައްކަލަކަށް އޭޑީކޭ ހޮސްޕިޓަލުން އެޅި ބައެއް ފިޔަވަޅުތަކަށް ލުއިދޭން ނިންމައިފިއެވެ.

ކޮވިޑް ކޭސްތައް އިތުރުވުމާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންނަށް ދެއްކުމުގެ ހުރިހާ ހިދުމަތް މިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން ދެމުން އައީ އޮންލައިންކޮށެވެ. އަދި އިމަޖެންސީ ހާލަތުގައި ނޫން އެހެން ހާލަތެއްގައި ބަލި މީހުން އެޑްމިޓު ކުރުންވެސް ހުއްޓާލިއެވެ.

-

އޭޑީކޭއިން މިއަދު ކުރި އިއުލާނެއްގައި ބުނީ މާދަމާއިން ފެށިގެން އޯޕީޑީގެ ހިދުމަތްތައް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އަލުން ހުޅުވާލާނެ ކަމަށެވެ. ނަމަވެސް ޑޮކްޓަރަށް ދައްކަން އަންނައިރު އެހީތެރިއެއްގެ ގޮތުގައި އެކަކަށްވުރެ ގިނަ މީހުން ނުގެނެވޭނެ ކަމަށް އޭޑީކޭއިން ބުންޏެވެ.

އޭޑީކޭއިން ބުނީ، މާދަމާއިން ފެށިގެން ބައެއް އިލެކްޓިވް ސާޖަރީތައްވެސް ކުރަން ފަށާނެ ކަމަށެވެ. އަދި ބަލި މީހުން އެޑްމިޓް ކުރަން އަލުން ފަށާނެ ކަމަށްވެސް ބުންޏެވެ.

"ބަލިމީހާ ކައިރީ މަޑުކުރެވޭނީ ހޮސްޕިޓަލުގައި ރަޖިސްޓަރީ ކުރައްވާފައިވާ އެއް ބޭފުޅަކަށެވެ. އަދި އެބޭފުޅާއަކީ، ކޮވިޑް 19ގެ އެއްވެސް އަލާމާތެއް ނެތް ބޭފުޅަކަށް ވާން ޖެހޭނެއެވެ." އޭޑީކޭގެ ބަޔާނުގައި ބުންޏެވެ.

ހޮސްޕިޓަލުގައި މީހުން އެޑްމިޓްކުރަން އަލުން ފެށި ނަމަވެސް ބަލި މީހުންނަށް ޒިޔާރަތް ކުރުން އަދިވެސް މަނާވާނެ ކަމަށް އޭޑީކޭއިން ބުންޏެވެ.

މީގެ އިތުރުން އޭޑީކޭއިން ބުނީ، އެ ހޮސްޕިޓަލުގެ އިމަޖެންސީ ހިދުމަތްތަކާއި އިމަޖެންސީގައި އެޑްމިޓްކޮށްގެން ދޭންޖެހޭ ހިދުމަތްތަކާއި ޑައިގްނޯޓިކް ހިދުމަތްތައް ކުރިއެކޭވެސް އެއްފަދައިން ކުރިއަށްދާނެ ކަމަށެވެ.