ސްޕެނިޝް ލަލީގާގައި ރެފްރީކަން ކުރާ ގިނަ ރެފްރީން ނިސްބަތް ވަނީ ރެއާލް މެޑްރިޑް ނިސްބަތްވާ، ސްޕެއިންގެ މެޑްރިޑަށް ކަމަށާއި އެ ރެފްރީން ރެއާލް ކޮޅަށް ޖެހޭނެ ކަމަށް ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭ ބުނެފިއެވެ.
ރެއާލްއާއި ބާސާގެ ކުރިމަތިލުންތަކުގައި އެންމެ ވާދަވެރިކޮށް ފެންނަ އެއް ކުޅުންތެރިޔާ، ސްޕެއިންގެ ޕީކޭ ބުނެފައި ވަނީ ރެފްރީންނަކީ ކިތަންމެ ޕްރޮފެޝަނަލް ބައެއް ނަމަވެސް، ނިސްބަތްވާ ސަރަހައްދުގެ ގޮތުން ގިނަ ރެފްރީން ރެއާލް މެޑްރިޑަށް ޖެހޭ ކަމަށެވެ. މީގެ ކުރިންވެސް ޕީކޭ އެފަދަ ބައެއް ވާހަކަތައް ދައްކާފައިވާ އިރު، އޭނާ ބުނެފައިވަނީ ލަލީގާގެ 85 ޕަސެންޓް ރެފްރީން ނިސްބަތްވަނީ މެޑްރިޑަށް ކަމަށެވެ.
"އަހަރެން ކައިރީގައި ކުރީގެ ރެފްރީއެއް އެ ވާހަކަތައް ދެއްކި. ލަލީގާގެ 85 ޕަސެންޓް ރެފްރީންނަކީ މެޑްރިޑަށް ނިސްބަތްވާ ރެފްރީން. އެ ރެފްރީންނަށް މެޑްރިޑާ ދެކޮޅަށް ނިންމުންތައް އުނދަގޫވާނެ. އެއީ ގަސްދުގައި ކުރެވޭ ކަމެއް ނޫން، އެއީ އިންސާނީ ތޮބީއަތުން ކުރެވޭނެ ކަންކަން. އެއީ ޕްރޮފެޝަނަލް ނަމަވެސް އެކަން އޮންނާނެ ގޮތް،" ޕީކޭ ބުނެފައިވެއެވެ.
ޕީކޭ ބުނެފައިވަނީ ރެފްރީންގެ ޕްރޮފެޝަނަލް ކަމަށް ޝައްކު އުފައްދާ ސުވާލު އުފައްދަން ބޭނުން ނުވާ ކަމަށާއި އެ ރެފްރީން ކުރާ މަސައްކަތަކީ އެންމެ ރަނގަޅަށް ކުރެވޭތޯ ބަލާނެ މަސައްކަތެއްކަންވެސް އެނގޭ ކަމަށެވެ. އެހެން ނަމަވެސް އެކަން އެފަދަ ގޮތަކަށް ހިނގާކަން ބައެއް މެޗުތަކުން ފެންނާނެ ކަމަށްވެސް ޕީކޭ ބުނެފައިވެއެވެ.
މި ސީޒަންގެ މިހާތަނަށް ބަލާ އިރު، ބާސާއާއި ރެއާލްގެ ޑިސިޕްލިނަރީ ރެކޯޑު ދާދި ހަމަހަމައެވެ. ދެ ޓީމަށްވެސް 36 ރީނދޫ ކާޑެއް ދައްކާފައިވާ އިރު، ރެއާލްއަށް ވަނީ ރަތް ކާޑެއް ދައްކައިފައެވެ. މިދިޔަ ސީޒަނުގައި ރެއާލްއަށް 72 ރީނދޫ ކާޑު ދައްކާފައިވާ އިރު، ބާސާއަށް ވަނީ 83 ރީނދޫ ކާޑު ދައްކައިފައެވެ. ދެޓީމަށްވެސް ރަތް ކާޑު ދައްކާފައިވަނީ އެއް ވަރަކަށެވެ. ލީގުގައި ކުޅުނު މެޗުތަކުގައި ކޮންމެ ޓީމަކުންވެސް ތިން ކުޅުންތެރިއަކަށް ވަނީ ރަތް ކާޑު ދައްކައިފައެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ