އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީން ކުޅުނު މެޗުގައި 1-0ގެ ނަތީޖާއަކުން ޓޮޓެންހަމް ބަލިކޮށް، އާ ކޯޗުގެ ދަށުން ކުޅުނު ތިންވަނަ މެޗުވެސް އެޓީމުން ވަނީ ކާމިޔާބުކޮށްފައެވެ. ފްރޭންކް ލެމްޕާޑު ފޮނުވާލައި، މިދިޔަ ސީޒަނުގައި ޕީއެސްޖީއަށް ކޯޗުކަން ކޮށްދިން ތޯމަސް ޓުޗެލް ޗެލްސީއަށް ގެނެސްފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ޗެލްސީ ވަނީ މޮޅުވެފައެވެ. އެ ތިން މެޗުގައިވެސް ޗެލްސީ ކޮޅަށް ގޯލެއް ވަދެފައި ނުވާއިރު، ރޭގެ މެޗަކީ އެޓީމުގެ އެންމެ ބޮޑު ޓެސްޓެވެ.
ކުރިން ޗެލްސީގެ ކޯޗުކަން ދެފަހަރެއްގެ މަތިން ކޮށްފައިވާ ޖޯސޭ މޮރީނިއޯގެ ޓޮޓެންހަމްއާ ދެކޮޅަށް ނުކުމެ، މެޗު އެއްކޮށް ކޮންޓްރޯލް ކޮށްގެން ޗެލްސީން ކުޅެފައިވާ އިރު، ޓޮޓެންހަމްއަށް ޗެލްސީ ގޯލަށް އަމާޒުކޮށް ފޮނުވާލެވުނީވެސް މަދު ހަމަލާއެކެވެ. އޭގެ ތެރެއިންވެސް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވުނީ މެޗު ނިމެން ދަނިކޮށް އެކަންޏެވެ. އޭގެ ބަދަލުގައި ޗެލްސީން ޓޮޓެންހަމްގެ ހާފް ތެރޭގައި އަވަސް ޕާސްތަކެއް ޖަހައި، ގިނަ ފުރުސަތުތަކެއްވެސް ތަނަވަސް ކުރިއެވެ. އެޓީމަށް މެޗުގައި ނުވި ކަމަކީ ގިނަ ފުރުސަތުތަކެއް ލިބި، ދެވަނަ ގޯލެއް ޖެހުމެވެ. ޗެލްސީން ޖެހި ހަމައެކަނި ގޯލަކީ އިޓަލީގެ މިޑްފީލްޑަރު ޖޯޖީނިއޯ ޖަހައިދިން ޕެނެލްޓީއެކެވެ.
"އެއީ އަހަރެންގެ ޓެކްޓިކަލް އުކުޅުތަކުގެ ނަތީޖާއެއް ނޫން. މި ފެންނަނީ ޗެލްސީ ކުޅުންތެރިންގެ އެޓިޓިއުޑާއި ކުޅުންތެރިންގެ ހުރި ހުނަވެރިކަން. ޗެލްސީގައި މިހާރު އޮތް ސްކޮޑަކީ ވަރަށް ރަނގަޅު ކުޅުންތެރިންތަކެއްގެ ސްކޮޑެއް. އަހަންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް އެއީ މި ސްކޮޑާއެކު މަސައްކަތް ކުރުން. ރޭގެ މެޗުގައި އަވަހަށް ފަށައި، ވަރަށް ރަނގަޅަށް ޑިފެންސްކޮށް، މުޅި މެޗުގައިވެސް ޓެމްޕޯ ގެއްލުވާނުލައި ކުޅެވުނު. ކުޅުންތެރިންގެ ހިތްހަމަ ޖެހުން، ކުޅުންތެރިންގެ އުފާވެރިކަން، ގަބޫލުކުރުން މި ފެންނަނީ. 100 ޕަސެންޓް ހުރިހާ ކުޅުންތެރިން މެޗުގައި ކުޅުނީ އުފާވެރިކަމާއެކު، ފުޓުބޯޅަ ކުޅުމުގެ ހިތްހަމަ ޖެހުމާއެކު،" މެޗަށްފަހު ޓުޗެލް ބުނެފައިވެއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީގެ މުހިއްމު ޑިފެންޑަރު، ބްރެޒިލްގެ ތިއާގޯ ސިލްވާއަށް އަނިޔާވެ ބާލަން ޖެހިފައިވާ އިރު، އެ އަނިޔާގެ ތަފްސީލު އަދި ހާމަކޮށްފައެއް ނުވެއެވެ. ރޭގެ މެޗުން މޮޅުވެ ޗެލްސީ ވަނީ ތާވަލުގެ ހަވަނައަށް ޖެހިލައިފައެވެ. 22 މެޗުން އެޓީމަށް ވަނީ 36 ޕޮއިންޓް ލިބިފައެވެ.
ޗެލްސީ
ޗެލްސީ
ޗެލްސީ
ޗެލްސީ