އެމްޕީއެލް ސަރަހައްދުގައި އަނެއްކާވެސް ނުރައްކާތެރި ހާދިސާއެއް ހިނގައި ވަރަށް ބޮޑަށް ޒަހަމްވި މީހަކަށް އައިޖީއެމްއެޗްގެ އޮޕްރޭޝަން ތިއޭޓަރުގައި ފަރުވާދެމުން އެބަ ދެއެވެ.

މި ހާދިސާ ހިނގާފައި ވަނީ ރޭ ދަންވަރު 2:15 އެހާއިރު އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު "ވަން" އަށް ދާދި ދެންމެ ކަށަވަރުކޮށްދެއްވި ގޮތުގައި އެ މީހާ އައިޖީއެމްއެޗްގެ މެއިން ތިއޭޓަރަށް ވެއްދީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. އަދި ވެސް އޮތީ ތިއޭޓަރުގަ އެވެ.

"ތިއޭޓަރުން ނެރޭނެ އިރެއް އަދި ނޭނގެ، ލިބިފަ ހުރި އަނިޔާތަކުގެ ސީދާ ތަފްސީލެއް ވެސް އެނގޭނީ ނެރެވުނީމަ." އައިޖީއެމްޗްގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން އެމްޕީއެލްގެ އޮފިޝަލަކު މީގެ އިރުކޮޅެއް ކުރީން ވިދާޅުވި މި ހާދިސާގައި ޒަހަމް ވެފައި ވަނީ ދިވެއްސެއް ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށް މައުލޫމާލު ލިބިވަޑައިގެންފައިވާ ކަމަށެވެ.

މި ހާދިސާ ހިނގީ އެމްޕީއެލްގެ ޔާޑުގައި ހުރި ކާޕެޓް ރޯލުތަކެއް ބޭރަށް ނެރުމަށް ޓަކައި ކެރޭނުން ދޯންޏަކަށް އެރުވުމުގެ ތެރޭގައި ބެލެންސް ކެޓުމުގެ ސަބަބުން، ކާޕެޓް ރޯލު އެމީހާގެ ގައިމައްޗަށް ވެއްޓިގެން ކަމަށް އެމްޕީއެލްގެ އޮފިޝަލު ވިދާޅުވި އެވެ. މި ގޮތަށް މުދާ ނެރުމުގެ މަސައްކަތަކީ އެމްޕީއެލްއިން ކުރާ މަސައްކަތެއް ނޫން ކަމަށާއި އެކަން ކުރާނީ މުދަލުގެ ވެރިފަރާތާއި އެ ފަރާތުން ވައްދާ މަޖޫރީ ގުރޫޕުތައް ގުޅިގެން ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

"އެ ސަރަހައްދަށް ބޭރު ވެހިކަލްތައް ވެއްދުން މަނާވާނެ. އެހެންވީމަ އަޅުގަނޑުމެން ދޭނީ ޑްރައިވަރަކާ ވެހިކަލް. ކަން ކުރާންވީ ގޮތާއި މުދާ އަރުވައި ބޭލުމާއި ޖެއްސުން ފަދަ ހުރިހާ ކަމެއް ކުރިޔަށް ގެންދާނީ މުދަލުގެ ވެރިފަރާތާއި އެފަރާތުން ކަނޑައަޅާ މަޖޫރީ ގުރޫޕުން." އެމްޕީއެލްގެ އޮފިޝަލު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މިގޮތަށް މުދާ ބަރުކުރުމާއި ނެރުމުގެ މަސައްކަތްތައް ކުރިޔަށް ގެންދާއިރުވެސް ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ވަރުގަދަ ގަވައިދުތަކެއް އެމްޕީއެލްއިން ހަދައި އެކަން ކުރާ އަމިއްލަ ފަރާތްތަކަށް އަންގާފައި އޮންނަ ކަމަށެވެ. އެ ގޮތުން ކެރޭނުން މިގޮތަށް މިދާ އުފުލައި ހަދާއިރު އޭގެ ދަށުގައި ތިބުމަކީ ކަނޑައެޅިގެން މަނާކޮށްފައި އޮންނަ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މުދާތައް ނެރުމުގެ މަސައްކަތް ކުރީ މިނާ އިންވެސްޓްމެންޓް ކްލިއަރެންސް ގްރޫޕުގެ ފަރާތުން ކަމަށެވެ.