ޚަބަރު

ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ވެކްސިން ދޭން ފަށައިފި

އަލީ ޔާމިން

ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ކޮވިޑު ވެކްސިން ދޭން ފަށައިފި އެވެ.

ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ކޮވިޑު ވެކްސިން ދޭން ފެށުމަށް ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި ހަފުލާގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ބިނާކުރުމުގައި އެންމެ އިސް ރޯލެއް އަދާކުރާ ބަޔަކީ ފަތުރުވެރިންގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުން ކަމަށެވެ.

އަދި އެމީހުންނަށް ބޭނުންވާ ސަލާމަތާ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ވަރަށް ބޮޑު ޒިންމާއެއް ކަމަށްވާއިރު ވެކްސިނާއެކު ފަތުރުވެރިންގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އާ އުންމީދެއް ލިބިގެން ހިނގައްޖެ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު މައުސޫމު ވިދާޅުވީ، މިއަދު މާލެއިން 25 މުވައްޒަފަކަށް އަދި ހުޅުމާލެއިން 100 މުވައްޒަފަކަށް ވެކްސިން ދޭނެ ކަމަށެވެ. ހުޅުމާލޭގައި ވެކްސިން ދޭނީ އެއާލައިންތަކުގެ ޕައިލެޓުންނާއި ސްޓާފުންނަށެވެ.

ރާއްޖޭގައި މިހާރު ކުރިއަށްދާ ވެކްސިން ޖެހުމުގެ ފުރަތަމަ ބުރުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ 10،000 މުވައްޒަފަކަށް ވެކްސިން ދޭނެ އެވެ. އެމީހުންގެ ތެރޭގައި ހިމެނެނީ ފަތުރުވެރިންނާ ކައިރިން ފްރަންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންނެވެ.

މިނިސްޓަރު މައުސޫމު ވިދާޅުވީ، ވެކްސިން ޖެހުމުގެ ކަންކަން މާލެ ސަރަހައްދުގައި ފެށި ނަމަވެސް، މުވައްޒަފުން މާލެ ނައިސް، އެމީހަކާ އެންމެ ކައިރިން ވެކްސިން ދޭ ސެންޓަރަކަށް ގޮސް ވެކްސިން ޖެހުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ބޮޑެތި ރިސޯޓުތަކަށް މެޑިކަލް ޓީމުތައް ގޮސް ވެކްސިން ދިނުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވި އެވެ.