އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއާއެކު ބާސެލޯނާއިން 2017 ވަނަ އަހަރު ވެފައިވާ ބޮޑު އަގުގެ އެއްބަސްވުން މީޑިއާއަށް ލީކުވި މައްސަލަ ވަނީ އިންތިހާއަށް ބޮޑު ވެފައެވެ. ބާސާއިން މެސީއާއެކު ވެފައިވާ އެއްބަސްވުމުގެ އަގު 555 މިލިއަން ޔޫރޯއަށް އަރައެވެ. އެ އެއްބަސްވުމުގެ ތަފްސީލުތައް، އެއްބަސްވުމުގެ ވަގު ކޮޕީއަކާއެކު މީޑިއާ ހަމައަށް ގެނެސްފައިވަނީ ސްޕެއިންގެ އިތުބާރު ކުރެވޭ ނޫހެއް ކަމަށްވާ އެލް މުންޑޯއިންނެވެ. މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް މެސީގެ ބާސާ އެއްބަސްވުން ހަމަވާން ދާއިރު، އެ އެއްބަސްވުމުގައިވާ ގޮތުން ބޯނަސް އާއި އެހެނިހެން އާމްދަނީއާއެކު އަހަރެއްގެ މައްޗަށް ބާސާއިން މެސީއަށް 138 މިލިއަން ޔޫރޯ ދެއެވެ.

ބާސާގެ ކެޕްޓަން މެސީ 17 އަހަރު ކްލަބާއެކު ހޭދަކޮށްފައިވާއިރު، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިހާރު ހަދާފައިވާ އެއްބަސްވުން ނިމުމުން މެސީ ކްލަބު ދޫކޮށް ދާނެއެވެ. މިދިޔަ ސީޒަނަށްފަހު މެސީ ބާސާ ދޫކޮށްލަން އެދިފައިވީ ނަމަވެސް، ކްލަބުން ވަނީ އޭނާ ހިފަހައްޓައިފައެވެ. މެސީގެ ކޮންޓްރެކްޓް ލީކުވި މައްސަލައިގައި ބާސާއިން ރުޅިވެރިކަން ފާޅުކޮށް މިހާރު ބަޔާނެއްވެސް ނެރެފައިވާއިރު، ސްޕެއިންގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މެސީގެ ފަރާތުން ފަސް މީހަކަށް ވަނީ ކޮންޓްރެކްޓް ލީކު ކޮށްލި ކަމުގެ ތުހުމަތު ކޮށްފައެވެ.

އޭގެ ތެރޭގައި ބާސާގެ ރައީސްކަމުން ދާދިފަހުން އިސްތިއުފާދިން ޖޯސެފް މާރިއާ ބާޓޮމިއު އާއި މިހާރު ވަގުތީ ރައީސަކަށް ހުރި ކާލެސް ޓަސްކުއެޓްސްގެ އިތުރުން ކުރީގެ ނައިބު ރައީސް ޖޯޑީ މެސްޓްރޭ، ބާސެލޯނާގެ ސީއީއޯ އޮސްކާ ގްރާއު އަދި ބާސެލޯނާގެ ލީގަލް ސާވިސްގެ ހެޑް ރޯމާ ޕަންޓީއަށް ވަނީ ޝައްކު ކޮށްފައެވެ. އޭގެ ތެރެއިން ކުރީގެ ރައީސް ބާޓޮމިއު ވަނީ އެކަމުގައި އެއްވެސް ގޮތަކަށް ޝާމިލް ނުވާ ކަމަށް ބުނެފައެވެ.

މެސީއާއެކު ހަދާފައިވާ ކޮންޓްރެކްޓްގެ 80 ގަނޑުގެ ޑޮކިއުމެންޓެއް މީޑިއާއަށް ލީކުވެފައިވާއިރު، އެއްބަސްވުމުގެ ދަށުން މިހާރުވެސް މެސީއަށް 510 މިލިއަން ޔޫރޯ ވަނީ ލިބިފައެވެ. އެ މައުލޫމާތުތަކަށް ބަލައި މުންޑޯއިން ރިޕޯޓް ކޮށްފައިވަނީ މެސީއަކީ މުޅި ދުނިޔޭގައިވެސް ހުރި އެންމެ މުސާރަ ބޮޑު އެތުލީޓުގެ ގޮތުގައެވެ.

ބާސާގެ ދަރަނި މިހާރުވެސް 1.2 ބިލިއަން ޔޫރޯއަށް އަރާއިރު، މެސީ މިދިޔަ ސީޒަނަށްފަހު ވިއްކައި ނުލުމަކީ ބާސާއިން ހެދި ގޯހެއް ކަމަށް ވެސް ގިނަ ބަޔަކު ބުނެއެވެ.