އަވަށްޓެރި ސްރީލަންކާގެ 73 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވައިފި އެވެ.
ލަންކާގައި މިއަދު ފާހަގަކުރަމުން އަންނަ އެގައުމުގެ 73 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހް ކުރެއްވި ޓުވީޓުގައި ވިދާޅުވީ އެ ގައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާ އަދި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާގެ އިތުރުން ލަންކާގެ ހުރިހާ ރައްޔިތުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވާ ކަމަށެވެ.
ލަންކާ ރައްޔިތުންނަކީ ދިވެހިންނާ ތިމާގެ ބައެއްގެ ގޮތުގައި ސިފަ ކުރައްވައި ރައީސް ސޯލިހް ވިދާޅުވީ އެ ގައުމަށް އިތުރު ތަރައްގީ ލިބުމަށާއި ދެގައުމުގެ މެދުގައި އޮތް ގުޅުން ދުވަހެއް ދުވަހަކަށް ވަރުގަދަވާނެ ކަމަށް އުންމީދުކުރައްވާ ކަމުގަ އެވެ.
ރައީސް ސޯލިހުގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް ވަނީ ލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެގައުމުގެ ފޮރިން މިނިސްޓަރަށާއި ގައުމުގެ ހުރިހާ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވާފަ އެވެ.
ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެއާއި ލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުން ވަރުގަދަކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެ ކަމަށެވެ.
އިނގިރޭސިންގެ އަތްދަށުން ލަންކާ މިނިވަންވީ 1948 ވަނަ އަހަރުގަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު