އައްޑޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ މަސައްކަތް މިމަހު ތެރޭ ބަޔަކާ ހަވާލުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު މިއަދު ވަނީ މިއަހަރުގެ ތެރޭގައި އަތޮޅުތެރޭގައި ކުރިޔަށް ގެންދަން ނިންމާފައިވާ ބައެއް މަޝްރޫއުތަކުގެ ތަފްސީލު ދެއްވައިފަ އެވެ.
އެގޮތުން އައްޑޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ތެރެއިން ބީލަމުގެ މަރުހަލާ ނިންމައި މިމަހުގެ ތެރޭގައި އެ މަސައްކަތް ބަަޔަކާ ހަވާލުކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އައްޑޫ ސިޓީއަށް ކަނޑައަޅާފައި ހުރި ގިނަ މަޝްރޫއުތަކެއް، މިއަހަރުގެ ފުރަތަމަ ހަ މަސް ތެރޭގައި ފެށުމަށް މިއަންނަނީ ތައްޔާރުވަމުން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ އައްޑޫގައި މިހާރު ހަދަމުން އަންނަ "ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގް އެންޑް ލޯ އެންފޯސްމަންޓް ސެންޓަރު" ވެސް މިއަހަރުގެ ތެރޭގައި ރަސްމީކޮށް ހުޅުވައި ހިދުމަތް ދޭން ފެށޭނެ ކަމަށެވެ. އަދި ފަހުރުވެރިކަމާއެކު ދިރިއުޅެވޭނެ މާހައުލެއް ގާއިމުކުރުމަށްޓަކައި މުޅިން އަލަށް އެލްޑާލީ ވިލެޖެއް އައްޑުއަތޮޅުގައި ގާއިމުކުރުމުގެ މަސައްކަތް ވެސް މިއަހަރު ފެށޭނެ ކަމަށް ވިދާޅުވި އެވެ.
ތަރައްގީ ލާމަރުކަޒު ކުރުމުގެ ނާރެހަކީ ފަސޭހަ ދަތުރުފަތުރުގެ ނިޒާމަކުން ރަށްތައް ގުޅާލުންކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ އެ މަސައްކަތުގެ ދަށުން ތަރައްގީ ކުރި ހއ. ހޯރަފުށީ އެއާޕޯޓު، މިދިޔަ އަހަރު ހުޅުވައި މިހާރު ހިދުމަތް ދެމުން އަންނަ ކަމަށެވެ. އަދި މި އަހަރުގެ ތެރޭގައި އިތުރު ފަސް ރަށެއްގައި އެއާޕޯޓް ހެދުމަށް ގަސްދުކުރާ ކަމަށާއި އޭގެ ތެރެއިން މ. މުލީގައި ތަރައްގީކުރާ އެއާޕޯޓުގެ މަސައްކަތް މިމަހުގެ ތެރޭގައި ބަޔަކާ ހަވާލުކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން ހދ. މަކުނުދުއާއި ށ. ބިލެތްފަހި އަދި ބ. ތުޅާދުއާއި ތ. ވިލުފުށީގައި އެއަރޕޯޓް ހަދައިދޭނެ ބަޔަކު ހޯދަން މިހާރު ހުޅުވާލާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު