އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބާންލީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، މެންޗެސްޓާ ސިޓީން މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފިއެވެ.

ރޭ ބާންލީއާ ދެކޮޅަށް ކުޅުނު މެޗު 2-0ގެ ނަތީޖާއަކުން ސިޓީ ކާމިޔާބު ކޮށްފައިވާއިރު، އެޓީމުން ވަނީ އެންމެފަހުން ކުޅުނު 13 މެޗުން ވެސް މޮޅުވެފައެވެ. އޭގެ ތެރެއިން 11 މެޗުން ކްލީންޝީޓްވެސް ހޯދާފައިވާއިރު، ސިޓީ އޮތީ އެއްވަނައިގައެވެ. 21 މެޗުން 47 ޕޮއިންޓް ހޯދައިގެން ސިޓީ އެއްވަނައިގައި އޮތްއިރު، ދެވަނައިގައި ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް އޮތީ 22 މެޗުން 44 ޕޮއިންޓް ހޯދައިގެންނެވެ.

ރޭގެ މެޗުގެ ކުރީކޮޅުގައި ސިޓީން ވަނީ ލީޑު ނަގާފައެވެ. ބާންލީގެ އިތުބާރު ގޯލްކީޕަރު ނިކް ޕޯޕް އަތުން ހެދުނު ގޯހެއްގެ ބޭނުން ހިފައި ގެބްރިއަލް ޖީސުސް ސިޓީއަށް ލީޑު ނަގައިދިނީ މެޗުގެ ތިންވަނަ މިނެޓުގައެވެ. ބާނާޑޯ ސިލްވާ ޖެހި ބޯޅަ ޕޯޕް އަތު ތެރެއިން ކަހާލައިގެން ގޮސް ވެއްޓުމުން ޖީސަސް ގޯލަށް ވައްދާލީ ބޮލުންނެވެ.

މެޗުގެ ކޮންޓްރޯލް ހިފަހައްޓައި، ޕާސިން ކޮލިޓީ ރަނގަޅު ފުޓުބޯޅައެއް ސިޓީން ކުޅެމުން ދިޔައިރު، އެޓީމުން ވަނީ ހާފް ނިމުމުގެ ކުރިން ލީޑު ފުޅާވެސް ކޮށްފައެވެ. އިލްކޭ ގުންޑޮގަންގެ ޕާހުން ދެވަނަ ގޯލް ޖަހައިދިނީ ރަހީމް ސްޓާލިންނެވެ.

ދެވަނަ ހާފަށް ނުކުމެވެސް ސިޓީން ދިޔައީ ހަމަޖެހިލައިގެން ޕާސްތައް ޖަހައި، ގިނަ ވަގުތު ބޯޅަ ގެންގުޅެމުންނެވެ. އެޓޭކަކަށްފަހު އެޓޭކެއް އުފައްދަމުން ދިޔައިރު، ރަހީމް ސްޓާލިން އާއި ރިޔާދު މަހަރޭޒްގެ ހަމަލާތައް ނިކް ޕޯޕް ވަނީ ދިފާއުކޮށްފައެވެ. ރިޔާދް މަހަރޭޒް ޖެހި ބޯޅައެއް ގޯލަށް ވައްދާލި ނަމަވެސް ވީއޭއާރް އެހީގައި ރެފްރީ ނިންމީ މަހަރޭޒް އޮފްސައިޑް ކަމަށެވެ.