އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެފަހުގެ ޗެމްޕިއަން ލިވަޕޫލް، އަނެއްކާވެސް ހޯމްގައި ބަލިވެއްޖެއެވެ.

ރޭ ލީގުގައި ބްރައިޓަން އެންޑް ހޯވް އެލްބިއޯންއާ ދެކޮޅަށް އެންފީލްޑްގައި ކުޅުނު މެޗުން ލިވަޕޫލް ބަލިވީ 1-0ގެ ނަތީޖާއަކުންނެވެ. އެއްވަނައިގައި މިވަގުތު އޮތް މެންޗެސްޓާ ސިޓީއަށްވުރެ ހަތް ޕޮއިންޓް މަދުކޮށް، ލިވަޕޫލް ތާވަލުގެ ހަތަރުވަނައަށް ވެއްޓިފައިވާއިރު، އެޓީމަށް 22 މެޗުން ލިބިފައި ވަނީ 40 ޕޮއިންޓެވެ. ސިޓީން ލިވަޕޫލަށްވުރެ މެޗެއް މަދުން ކުޅެ، 47 ޕޮއިންޓް ހޯދާފައިވާއިރު، ލިވަޕޫލަށް ވަނީ ލީގު ދިފާއުކުރުމަށް ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ.

ރޭގެ މެޗުގައި ބްރައިޓަންއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، އެޓީމަށް މޮޅެއް ހައްގު ކަމަށް ބްރައިޓަން ކޯޗު ގްރަހަމް ޕޯޓާ ވަނީ ބުނެފައެވެ. ކުޅުންތެރިން ދެއްކި އެކުވެރިކަމާއި، ޓީމު ވޯކްގެ އިތުރުން ހިތްވަރަށް ކޯޗު ތައުރީފު ކޮށްފައިވާއިރު، އޭނާ ބުނެފައި ވަނީ ލިވަޕޫލްގެ ދަނޑުގައި މޮޅުވެވޭނެ ހަމައެކަނި ގޮތަކީ ފުރިހަމަ މެޗެއް ކުޅެގެން ކަމަށެވެ.

ފުރަތަމަ ހާފްގައިވެސް ބްރައިޓަންއިން ލީޑު ނެގުމާ ގާތަށް ޖެހިލިއެވެ. ދޭން ބާން ޖެހި ބޯޅަ މަތީ ދަނޑިއަށް އަމާޒުވިއިރު، ދެވަނަ ހާފު ފެށިގެން ކުޑައިރުކޮޅެއްގެ ތެރޭގައި ސްޓީވަން އަލްޒޭޓްގެ ގޯލާއެކު ބްރައިޓަން ލީޑު ނެގިއެވެ. ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރި ލިވަޕޫލަށް ކާމިޔާބު ގިނަ ހަމަލާތަކެއް އުފެއްދިފައި ނުވާއިރު، ލިވަޕޫލް އެންމެފަހުން ހޯމްގައި ކުޅުނު ތިން މެޗުންވެސް ވަނީ ބަލިވެފައެވެ.

ރޭގެ މެޗަށް ނުކުތުމުގެ ކުރިން ލީގުގައި އެންމެފަހުން ކުޅުނު ހޯމް މެޗުގައި ބާންލީ އަތުން ލިވަޕޫލް ބަލިވެފައިވާއިރު، އެ މެޗުން ލިވަޕޫލް ބަލިވީ ހޯމްގައި ބަލިނުވެ، 68 މެޗު ހަމަކުރުމަށްފަހުއެވެ. މިދިޔަ އަހަރު ޑިސެންބަރު މަހަށްފަހު ލިވަޕޫލަށް ހޯމް މެޗަކުން މޮޅު ނުވެވި އޮތްއިރު، އެޓީމުން އެންމެފަހުން ލީގުގައި ކުޅުނު ތިން ހޯމް މެޗުގައިވެސް ގޯލެއް ޖެހިފައެއް ނުވެއެވެ. މިއީ 1984 ވަނަ އަހަރަށްފަހު އެހާ ދަށް ފޯމެއްގައި ލިވަޕޫލުން ހޯމް ތިން މެޗެއް ނިންމާލި ފުރަތަމަ ފަހަރެވެ.

މެޗަށް ނުކުތްއިރު ރެލިގޭޝަންގެ ހާސް ކަމުގައި އޮތް ބްރައިޓަން، ރޭގެ މެޗުން މޮޅުވުމުން އެޓީމު ވަނީ ތާވަލުގެ 15 ވަނަ އަށް ޖެހިލާއެވެ.