ނ. މަނަދޫގައި ޓޫރިސްޓު ހޮޓަލެއް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ މަނަދޫގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ކަނޑައަޅާފައިވާ 132,000 (އެއްލައްކަ ތިރީސް ދެހާސް) އަކަފޫޓުގެ ބިމުގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 18 ވަނަ ދުވަހުގެ 13:00 ގައި ޒޫމް މެދުވެރިކޮށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، މާޗް 14 ވަނަ ދުވަހުގެ 10:00 އަށް ބީލަން ހުށަހެޅުން އެދޭ ކަމަށެވެ.

މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށްޓަކައި މިމަހުގެ 17 ވަނަ ދުވަހުގެ 14:00 ގެ ކުރިން ޓޫރިޒަމް މިނިސްޓްރީގެ އީމެއިލް [email protected] އަށް މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި ނަމާއި، އީމެއިލް އެޑްރެސް އަދި ގުޅޭނެ ނަންބަރެއް އީމެއިލް ކުރަން ޖެހޭނެއެވެ.

މިނިސްޓްރީން ބުނީ، ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެހޭ އެޕްލިކޭޝަން ފޯމް މިނިސްޓްރީގެ ވެބްސައިޓް (www.tourism.gov.mv) އިން ލިބެން ހުންނާނެ ކަމަށެވެ. ބީލަން ފޮތް ލިބޭނީ މިމަހުގެ އަށްވަނަ ދުވަހުން ފެށިގެން މާޗް ދިހަވަނަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 13:00 އާ ދެމެދު އެ މިނިސްޓްރީގެ ރިސެޕްޝަނުން ކަމަށެވެ.