ރާއްޖޭގައި ރިސޯޓުތައް ހިންގާ ސޮނޭވާ ގްރޫޕުން މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ހުޅުވި ކޮވިޑަށް ޓެސްޓުކުރެވޭ ލެބޯޓްރީ ބަންދުކުރީ އެތަނުގެ ޖާގަ ބޮޑުކޮށް، އަޕްގްރޭޑް ކުރުމަށް ކަމަށް ސޮނެވާ ގްރޫޕުން މިއަދު ބުނެފިއެވެ.

ސޮނެވާ ގްރޫޕުން މިގޮތަށް ބުނެފައިވަނީ މާފަރު ލެބްގައި ހެދި ޕީސީއާރް ޓެސްޓްތަކެއް ފޯލްސް ނެގެޓިވް ވެގެން އެތައް ބަޔަކު ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށްބުނެ މީޑިއާއެއްގައި ރިޕޯޓްކުރުމާ ގުޅިގެންނެވެ. އަދި އެ ލެބޯޓްރީ ބަންދުކުރީ އެ ސަބަބާ ހުރެ ކަމަށްވެސް ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.

ސޮނެވާ ގްރޫޕުން ބުނީ މާފަރުގައި ހިންގި ލެބޯޓްރީ މިދިޔަ ހަފުތާގައި ބަންދުކުރީ އެތަން ބޮޑުކޮށް އަޕްގްރޭޑް ކުރުމަށް ކަމަށެވެ. އެއީ ޓެސްޓް ހެދޭ ވަރު އިތުރުކުރުމަށްޓަކައި ކަމަށާއި އެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އެ މަސައްކަތް ނިމުމުން ހެލްތު މިނިސްޓްރީން އެތަން އިންސްޕެކްޓްކުރުމަށް ފަހު އަލުން ހުޅުވުމުގެ ހުއްދަ ދީފައިވާ ކަމަށް ވެސް ބުންޏެވެ.

އަންނަ ހޮނިހިރު ދުވަހު އެތަން އަލުން ހުޅުވުމަށް ނިންމާފައިވާ ކަމަށާއި އެތަން ހިންގާނީ ކްރިސްޓަލް މެޑިކަލްސް އިން ކަމަށް ސޮނެވާ ގްރޫޕުން ބުންޏެވެ. މީގެ ކުރިން އެތަން ހިންގާފައިވަނީ އޭޑީކޭއިންނެވެ.

މާފަރު ލެބްގައި ހެދި ޕީސީއާރް ޓެސްޓުތަކެއް ފޯލްސް ނެގެޓިވް ވެގެން އެތައް ބަޔަކު ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށްބުނެ މީޑިއާއެއްގައި ރިޕޯޓް ކުރުމާ ގުޅިގެން އެކަން ދޮގުކޮށް އޭޑީކޭ އިން ނެރުނު ބަޔާނެއްގައިވަނީ މާފަރުގައި ގާއިމުކޮށްފައިވާ ލެބޯޓްރީ ހިންގަން އޭޑީކޭއިން ހަވާލުވީ ހަ މަސް ދުވަހަށް ކަމަށާއި އެ ހަ މަސް ދުވަސް ހަމަވުމުން ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑާ އެތަން ހަވާލުކޮށްފައިވާ ކަމަށެވެ.

އޭޑީކޭއިން ބުނީ އެ ލެބޯޓްރީ ހުޅުވާފައިވާނީ ޕީސީއާރް ލެބޯޓްރީއެއް ހިންގުމަށް ކަނޑައަޅާފައިވާ ގަވައިދުތަކާއި އުސޫލުތަކާ އެއްގޮތަށް، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އިންސްޕެކްޓް ކުރުމަށްފަހު، ގަވައިދުން ހުއްދަ ލިބިގެން ކަމަށާއި އެ ލެބޯޓްރީގައި ހަދާފައިވާ ހުރިހާ ޓެސްޓުތައް ހަދާފައިވާނީ ޓެސްޓު ކުރުމަށް ބޭނުންވާ ހުރިހާ ކޮންޓްރޯލުތައް ބަރާބަރަށް ހިފަހައްޓައިގެން ކަމަށެވެ.

"އެ ލެބޯޓްރީގައި ކޮށްފައި ހުރިހާ ޓެސްޓެއްގެ ރެކޯޑްތައް މެޝިނުން އެންގެން ހުންނާނެ. މީގެ އިތުރުން އާންމުކޮށް ކޮލިޓީ ހިފެހެއްޓުމަށް ބަލާ ބެލުންތައް ބެލުމަށްޓަކައި ރެންޑަމްކޮށް، އެހެން ލެބޯޓްރީތަކުގައި ވެރިފިކޭޝަން ޓެސްޓު ކޮށްފައިވާނެ. އަދި މީގެ އިތުރުން މިނިސްޓްރީ އޮފް ހެލްތުގެ ކޮލިޓީ އިމްޕިރޫވްމަންޓް ޑިވިޝަނުން ލެބޯޓްރީގެ އިންސްޕެކްޝަންވެސް ހައްދަވާފައިވޭ. އަދި މާފަރު ލެބޯޓްރީގެ އެގްރީމަންޓް ހަމަވެ، އެތަނުގެ ހިދުމަތް މެދުކަނޑާލިއިރު، އެތަނުގައި ސޮޓޯކޮށްފައި ހުރި ސާމްޕަލްތައްވެސް ވާނީ އެޗްޕީއޭއާ ހަވާކޮށްފަ،" އޭޑީކޭއިން ބުންޏެވެ.

އޭޑީކޭ އިން ބުނީ ތަފާތު ސަބަބުތަކާ ގުޅިގެން ފައްސި މީހަކު ފޯލްސް ނެގަޓިވްވުމުގެ ފުރުސަތު އޮންނަ ކަމަށާއި އެގޮތުން ވައިރަސް ހަށިގަނޑަށް އެރުމަށްފަހު ހިނގާފައިވާ މުއްދަތު ކުރުވުމުގެ ސަބަބުންނާއި ސާމްޕަލް ނަގާއިރު ރަނގަޅަށް ސާމްޕަލް ނެގިފައި ނުވުން ހިމެނޭ ކަމަށެވެ. އަދި ސާމްޕަލް ނެގުމަށް ފަހު ލެބޯޓްރީއަށް ފޯރުމުގެ ކުރިން ބަހައްޓަންޖެހޭ ފިނިހޫނު މިން ހިފެހެއްޓިފައި ނުވުމުގެ އިތުރުން ލެބޯޓްރީއަށް ފޯރުމާ ދޭތެރޭ ހިނގާފައިވާ ވަގުތު ދިގުވުން ފަދަ ކަންކަމުގެ ސަބަބުން އެގޮތަށް ދިމާވުން އެކަށީގެންވާ ކަމަށެވެ.