މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންގެ ރައީސް ކަމަށް ފަރީޝާ އަބްދުﷲ އައްޔަންކުރައްވައިފިއެވެ.
މަރު ކޮމިޝަންގެ ރައީސްކަމުގެ މަގާމަށް ފަރީޝާ އައްޔަންކޮށްފައިވަނީ މިއަދު ރައީސް ސޯލިހު ސޮއިކުރައްވައި ނެރުއްވި "ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނަންބަރު2021/1" އިންނެވެ.
މަރު ކޮމިޝަންގެ ރައީސްގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި ހުސްނުއްސުއޫދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމާ ގުޅިގެންނެވެ.
ފަސް މެމްބަރުންގެ މައްޗަށް އެކުލަވާލާފައިވާ މި ކޮމިޝަންގައި މިހާރު ތިއްބެވީ ފަރީޝާގެ އިތުރުން މއ. ގޯލްޑަންމޫން، އަހުމަދު ނާޝިދު އަދި ގދ. ރަތަފަންދޫ، ބަހާރީވިލާ، މިސްބާހު އައްބާސްއެވެ. ސްއޫދުގެ އިތުރުން އެކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހުންނެވި، އާދަމް މުހައްމަދު ވެސް ވަނީ އެ ކޮމިޝަނުން އިސްތިއުފާދެއްވައިފައެވެ.
މަރު ކޮމިޝަނަށް އިތުރު މެންބަރުން އައްޔަންކުރައްވަން ގަސްދުނުކުރައްވާ ކަމަށާއި އެކަމަކު މިހާރު ހުރި މައްސަލަތައް ނިމެންދެން އެ ކޮމިޝަނުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް މިއަދު ނެރުއްވި ގަރާރުގައި ވަނީ ކޮމިޝަނުން ބަލަންޖެހޭކަމަށް އާންމު ރައްޔިތުންނަށް ފެންނަ މައްސަލަތައް ކޮމިޝަނަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށާއި ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާއި ކޮމިޝަނުން ބަލަން ނިންމާ މައްސަލަތައް ތަހުގީގުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ މަސްއޫލިއްޔަތު މި ކޮމިޝަނާ މަތިކުރާ ކަމަށެވެ. އަދި ކޮމިޝަނުން ތަހުގީގުކުރެވޭ މައްސަލަތަކާ ގުޅިގެން ތަހުގީގީ އިދާރާއަކުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމާއި ޖިނާއީ މައްސަލަތައް ތަހުގީގުކުރާ އިދާރާއަކަށް ލިބިދޭ އެންމެހައި ބާރުތަކެއް ލިބިގެންވާ ކޮމިޝަނެއް ކަމުގައި ކަނޑައަޅާ ކަމަށްވެސް ރައީސްގެ ގަރާރުގައިވެއެވެ.
ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންނާއި، މަރާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް "ކޮމިޝަން އޮން ޑިސަޕެއަރެންސް އެންޑް ޑެތުސް" ގެ ނަމުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ކޮމިޝަނެއް އުފެއްދެވީ ވެރިކަމާ ހަވާލުވެ ވަޑައިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގަ އެވެ.
ތަހުގީގީ އިދާރާތަކަށް ލިބިދޭ ބޮޑެތި ބާރުތަކާއެކު އުފެއްދެވި އެ ކޮމިޝަނާ ހަވާލު ކުރައްވާފައިވާ މަސައްކަތްތައް ނިންމުމަށް ދެ އަހަރު ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ. ކަނޑައަޅާފައިވާ މުއްދަތަށްވުރެވެސް ކުރިން މަސައްކަތްތައްް ނިންމުމަށް މަސައްކަތް ފެށި މި ކޮމިޝަނުގެ މަސައްކަތުން، މިހާތަނަށް މުހިއްމު ދެ މައްސަލައެއް ތަހުގީގުކޮށް ވަނީ ރިޕޯޓް ނެރެފައެވެ.
އެއީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލަ އާއި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މަރުގެ މައްސަލައެވެ.
ޚަބަރު
ޚަބަރު
ޚަބަރު