ޖަލުގައި ތަފާތު ކުށްތަކުގައި ބަންދުކޮށްފައި ތިބި މީހުން ވަކިން ގެންގުޅެން އިސްކަންދީ އެމަގަށް މަސައްކަތްކުރައްވަމުން ގެންދަވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ މާފުށި ޖަލުގައި މިއަދު "ސްޕެޝަލް މެނޭޖްމަންޓް ޔުނިޓް" ހުޅުއްވައިދެއްވުމަށްފަހު ވާހަކަދައްކަވަމުންނެވެ.

އެ ޔުނިޓަކީ ޖަލުތަކުގައި ތިބި ހަރުކަށި ފިކުރުގެ މީހުން ދެނެގަނެ އެމީހުން ރިހިބިލިޓޭޓްކޮށް، ފަރުވާ ދިނުމަށް ހާއްސަ ޔުނިޓެކެވެ.

ފަންސާސް ގޮޅި ހިމެނޭ ޔުނިޓް ހުޅުއްވައިދެއްވުމަށްފަހު ދެއްކެވި ވާހަކައިގައި މިނިސްޓަރު ވިދާޅުވީ މި މަސައްކަތުގެ ސަބަބުން ޖަލުތަކުގެ ތެރޭގައި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށް ވަރަށް ބޮޑު ހައްލެއް އަންނާނެ ކަމަށެވެ. އަދިވެސް ޖަލުގައި ތަފާތު ކުށްތަކުގައި ބަންދުކޮށްފައި ތިބި މީހުން ވަކިން ގެންގުޅެން އިސްކަންދީ މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އެއީ ކުށްވެރިން ރިހިބިލިޓޭޓްކުރަންވެސް އެޅޭ މުހިންމު ފިޔަވަޅެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ތަފާތު ކުށްވެރިންނަށް ތަފާތު ގޮތުގައި ރިހިބިލިޓޭޓް ޕްރޮގްރާމް ހިންގި، ދޭންޖެހޭ ފަރުވާދެވި، ކަންކަން ތަރުތީބުކުރުން އެއީ އެންމެ މުހިއްމު އެއް ކަންތައް ކަމަށެވެ.

ސްޕެޝަލް މެނޭޖްމަންޓް ޔުނިޓް ހުޅުވުމުން އެފަދަ ކުށްވެރިން އެތަނަށް ބަދަލުކުރެވި، އެމީހުންނަށް ހާއްސަ ޕްރޮގްރާމްތައް ހިންގި، އެ މަސައްކަތް ފެށިގެން ދިއުމުން ޖުމްލަ ގޮތެއްގައި ޖަލުގައި ހަރުކަށި ފިރުކު ފެތުރުން ހުއްޓޭނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ، އިންފްރާސްޓްރަކްޗާ ބިނާކުރުމަކީ މަސައްކަތުގެ ކުޑަ މިންވަރެއް ކަމަށާއި ޖަލުތަކުގެ ހާލަތު ރަނގަޅުކުރެވޭނީ ޖަލު ބަލަހައްޓާ އޮފިސަރުންގެ ވިސްނުމާއި ފިކުރު އެކަމަށް ތަމްރީނުކޮށް އެ ބޭނުންވާ ހުނަރުތައްދީ އެއަށް ހާނުވައިގެން ކަމަށެވެ. ގައިދީންނަކީ ސުލްހަވެރި ހެޔޮލަފާ މުއާތިނުންކަމަށް ހެދުމަށް އޮފިސަރުންގެ ވިސްނުމާއި ފިކުރު ބައްޓަންކޮށް އެކަމަށް ބޭނުންވާ ހުނަރުތައް ދީގެން ކަމަށެވެ.

"މިތަނަށް ގެނެވޭ އެފަދަ ފިކުރެއްގައި ހުރި މީހަކު ހެޔޮލަފާ ރަނގަޅު މީހެއްގެ ގޮތުގައި ނިކުމެ އުފެއްދުންތެރި ފަރާތަކަށް ހެދޭ ދުވަސް އެއީ އަޅުގަނޑުމެން މިކުރާ މަސައްކަތުން ނެރެން ބޭނުންވާ ނަތީޖާއަކީ،" މިނިސްޓަރު ވިދާޅުވިއެވެ.

މި މަސައްކަތް ކުރިއަށްގެންދިއުމުގައި ދުނިޔޭގެ މިންގަނޑުތަކުން ބަލައިގަންނަ ގޮތަށް ކަންކަން ބައްޓަންކުރެވެމުން ދިއުމަކީ ރާއްޖެއަށް ލިބޭ ވަރަށް ބޮޑު ކާމިޔާބީއެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ޖަލުތަކުގައި ކަންކުރާގޮތް ދުނިޔޭގެ މިންގަނޑުތަކުން ބަލައިގަންނަ ހިސާބަށް ގެންދިއުމަކީ ރައްޔިތުން އެދޭ އަދި އުއްމީދުކުރާ ގޮތް ކަމަށެވެ. އޭގެ ނަތީޖާއަކަށް ވެގެންދާނީ ރާއްޖޭގެ ކުށުގެ ވެށި ބަދަލުވެ، އިސްލާހުވެ، ހެޔޮލަފާ މުޖުތަމައުއެއް ބިނާކުރަން މަގުފަހިވެގެން ދިއުންކަމަށްވެސް ވިދާޅުވިއެވެ.