އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސައުތުހެމްޓަން ކައިރިން 9-0ގެ ނަތީޖާއަކުން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ލީގު ރެކޯޑަކާ ހަމަކޮށްފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގު އެރާގައި އެންމެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވުމުގެ ރެކޯޑާ ޔުނައިޓެޑުން ހަމަކޮށްފައިވާއިރު، އެ ރެކޯޑު 2019 ވަނަ އަހަރު ލެސްޓާ ސިޓީން ހަދާފައިވަނީ ސައުތުހެމްޓަން ކޮޅަށް ނުވަ ގޯލު ޖަހައިގެންނެވެ. އޭގެ ކުރިން 1995 ވަނަ އަހަރު ޔުނައިޓެޑުން ވަނީ 9-0ގެ ނަތީޖާއަކުން ލީގުގައި އިޕްސްވިޗް ވެސް ބަލިކޮށްފަ އެވެ.
ރޭގެ މެޗު ފެށިގެން ދެވަނަ މިނެޓުގައި އެލެކްސެންޑްރާ ޖަންކެވިޓްސްއަށް ދެއްކި ރަތް ކާޑާއެކު ޔުނައިޓެޑުން މެޗު ކޮންޓްރޯލްކޮށް ކުޅެން ފެށި އެވެ. އެރޮން ވެން ބިސާކާ ގޯލް ހުޅުވާލަ ދިންއިރު، އިތުރު ގޯލުތައް ޖަހައިދިނީ މާކަސް ރަޝްފޯޑާއި އެޑިސަން ކަވާނީގެ އިތުރުން އެންތޮނީ މާޝިއަލް އާއި ބްރޫނޯ ފެނާންޑޭޒް، ޑެނިއަލް ޖޭމްސް އަދި ސްކޮޓް މެކްޓޮމިނީއެވެ. ޖޭން ބެޑްނަރެކް އަތުން ބައިކޮޅަށް ގޯލެއް ވަދެފައިވާއިރު، މާޝިއަލް ވަނީ ދެ ގޯލު މެޗުގައި ޖަހައިފަ އެވެ.
ރޭގެ މެޗުގައި ސައުތުހެމްޓަންގެ ބެޑްނަރެކަށް ވެސް ރަތް ކާޑު ދައްކާފައިވާއިރު، ސައުތުހެމްޓަން އިން މެޗު ނިންމާލަން ޖެހުނީ ނުވަ ކުޅުންތެރިންނާ އެކުގަ އެވެ.
މެޗުގައި އިތުރު ގިނަ ހަމަލާތަކެއް ވެސް ފެނިފައިވާއިރު، ޔުނައިޓެޑުން ހަދާފައިވާ ކްލަބު ރެކޯޑާ ހަމަކުރަން ވެސް ފުރުސަތު ލިބުނެއެވެ. އެ ކުލަބުން މިހާތަނަށް އެންމެ ބޮޑު ތަފާތަކުން މޮޅުވެފައި އޮތީ 1956 ވަނަ އަހަރު އަންދްރުލެޗާ ދެކޮޅަށް ކުޅުނު ޔޫރަޕިއަން މެޗެއްގައެވެ. އެއީ 10-0 ގެ ނަތީޖާއަކުންނެވެ.
ލީގުގައި ކުޅުނު 22 މެޗުން 44 ޕޮއިންޓްު ޔުނައިޓެޑަށް ލިބިފައިވާއިރު، އެޓީމު އޮތީ ދެވަނައިގަ އެވެ. އެއްވަނައިގައި މެންޗެސްޓާ ސިޓީ އޮތީ 20 މެޗުން 44 ޕޮއިންޓް ހޯދައި، ފައިދާ ގޯލުގެ ތަފާތުންނެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު