ކޮވިޑުގެ ތިން ވަނަ ރާޅެއް އަރައިގެން ދިވެހީންގެ ކަންބޮޑުވުންތައް މީސްމީޑިއާގައި ބަންޑުން ކޮށްލައިފި އެވެ. ވިހީން ދަށުގައި ހުރި ނަންބަރުތައް އެންމެ ދިހަ ވަރަކަށް ދުވަސް ތެރޭގައި 100 ފަހަނައަޅައި 200 އިންވެސް މައްޗަށް އަރައިގެން ދިޔައީ އެވެ. މިއީ ބިރުވެރި ނަންބަރުތަކެކެވެ. މަރުގެ އަދަދު ފަސްދޮޅަހާ ކައިރި ކުރަނީ އެވެ. އައިސީޔޫތައް ފުރިއްޖެ އެވެ. އެނދުމަތިކުރާން ޖެހޭނެ އެންމެ މަތީ އަދަދުތައް ކަމަށް ބަލައިގެން ތަންމަތި އެޅި ހުރިހާ އެނދެއް ފުރިއްޖެ އެވެ. އިތުރު ތަންތަނުގައި ވެސް އެނދުމަތިކުރާން ތައްޔާރުވެއްޖެ އެވެ. މުޅި ސިއްހީ ނިޒާމުގެ ކެޕޭސިޓީ ކޮޅުން ލަނީ އެވެ. ބަލި ޖެހޭ މީހުންގެ ތެރެއިންވެސް "ގުރު" ނަގައިގެން ފަރުވާ ދޭން ޖެހޭ ހިސާބަކަށް ހާލަތު ނާޒުކު ވެއްޖެ އެވެ. މި ކަންކަމާ އެކު ހުރިހައި ގޮތަކަށް ބަލާއިރު ވެސް ރާއްޖެ އަކީ މި ވަގުތު "ހައިރިސްކް" ގައުމެކެވެ. މުޅި ގައުމަށް ބަލި ފެތުރި ޖެހިފައި ހުރި މީހެއް ނުޖެހި ހުރި މީހެއް ޔަގީން ނުވާ ހިސާބަށް ކަންކަން މި އޮތީ ގޮސްފަ އެވެ. ބަލީން ސަލާމަތް ވެވޭނޭ ކަމުގެ ޔަގީންކަން ހަމަ އެކަކަށް ވެސް މިއަދަކު ނެތެވެ.

ކޮވިޑާ އެކު ދިވެހީން މިހައި ތަނަށް ކުރި ދިގު ދަތުރުގެ އެންމެ ބިރުވެރި ވަގުތު އަހަރެމެންނާ ބައްދަލު މި ކުރީ ވަކި ބަޔެއްގެ އިހުމާލުންނޭ ބުނެ އެކަން އެހެން މީހެއްގެ ބޮލަށް ކަނޑައިލުމުގެ ހައްގު އަހަރެމެންގެ ތެރެއިން އެކަކަށް ވެސް އެބަ އޮތް ބާވައޭ މިއީ މި ވަގުތު ކޮންމެ މީހަކު ވެސް ކޮށްލުން ރަނގަޅު ސުވާލެކެވެ. އަހަރެމެން މި އަންނަނީ އެކަން ނުކުރޭ! މިކަން ނުކުރޭ! އެހެން ނުހަދާ! މިހެން ނުހަދާން ބުނެ މުޅި ގައުމުގައި އަޑު އުފަލަމުންނެވެ. ކޮވިޑުން ސަލާމަތް ވެވޭނެ ގޮތްތަކާއި ބަލި ކޮންޓްރޯލު ކުރުމަށް ކުރާން ޖެހޭ ކަންކަން ނޭނގޭ އެއްވެސް މީހަކު އަހަރެމެންގެ ތެރެޔަކު ނެތެވެ. ކަން ކުރާންވީ ގޮތް އެހެން މީހުންނަށް ކިޔައި ނުދޭ އެކަކުވެސް ނެތެވެ.

ސުވާލަކީ ބަލި ކޮންޓްރޯލު ކުރަންވީ ގޮތް އެނގި ތިބެ، އެހެން މީހުންނަށް އެގޮތް ކިޔައިދޭ ބަޔަކަށް ވެ ތިބެ، އަހަރެމެން އަމިއްލައަށް އެ ގޮތަށް އަމަލު ނުކުރަނީ ކީއްވެތޯއެވެ.

ބައެއް މީހުން އެ ބުނަނީ ރަނގަޅަށެވެ. މި ބަލީން ސަލާމަތް ނުވެވިގެން މި އުޅެނީ އަހަރެމެންގެ މައްސަލައަކުންނެވެ. ބަލި ފެތުރެނީއޭ އެހެން ނޫޅޭށޭ މިހެން ނޫޅޭށޭ ގޮވަމުންދާ އިރު، ތިމާގެ އަމިއްލަ ނަފުސު އެގޮތަށް އަނބުރައިލެވޭ ވަރުގެ ބަޔަކަށް އަހަރެމެން ނުވެއެވެ. އަހަރެމެންނަށް ރެޔާއި ދުވާލު އުޅެވެނީ ކޮފީގަ އެވެ. ސިނގެރޭޓު ބޮއި ދުން ބުރުވުމުގަ އެވެ. ޝީޝާގަ އެވެ. މާސްކް އެޅުމެއް ނެތެވެ. ޕާޓީ ބޭއްވުމާއި ޑީޖޭ ކުރުމުގަ އެވެ. ނެށުމާއި މަޖާ ނެގުމުގަ އެވެ. ބައި ބަޔަށް ބޮޑެތި ގުރޫޕު ހަދައިގެންނެވެ. މިއިން އެއްވެސް ކަމެއްގައި ގައިދުރުކަމެއް އަމުދުން ނެތެވެ. ކަންމަތީ ފިހާރަޔަށް އެންމެން ވަދެ ތިބެނީ ފިތި ބާރުވެގެންނެވެ. އެތަންތަނަށް ވަންނަ މީހުންވެސް ގަވައިދަށް ބެލުމެއް ނެތެވެ. ވައްދާ މީހުންގެ އަމުދުން ވިޔަފާރީގެ ފައިދާ ނޫން ވިސްނުމެއް ނެތީ އެވެ. މާސްކް ނާޅައި އުޅުންވެސް އަދި މާ އާންމު ކަމަކަށް ވެއްޖެ އެވެ. މާލޭ ސިޓީގެ ކޮންމެ މަގަކަށް ބޯދިއްކޮށްލިޔަސް މާސްކު ނާޅައި އުޅޭ މީހުން ފެންނަލެއް މަދެން ނޫނެވެ.

މިއީ ކަން އޮތް ގޮތެވެ. ކޮވިޑުގެ ތިން ވަނަ ރާޅު އަރައިގެން އަހަރެމެން އެވާހަކަ ދައްކަނީ ކީއްކުރާން ހެއްޔެވެ؟ އެ ހައްގު އަހަރެމެންނަކަށް ނެތެވެ. ބައްޔަށް ފުރުސަތު ދެނީ އަހަރެމެން އަމިއްލައަށެވެ. ބަލި ފަތުރަނީ އަހަރެމެން އަމިއްލައަށެވެ. ބަލި އެހެން މީހުންނާ ހަމަޔަށް އުފުލަނީ ވެސް އަހަރެމެން އަމިއްލައަށެވެ. ބަސް ނާހައި އުޅެނީ އަހަރެމެން އަމިއްލަ އަށެވެ.

ބަލި ޖެހެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންކަން ނޭނގޭ އެކަކުވެސް ނެތެވެ. އެކަމަކުވެސް ރަނގަޅަށް އަތް ދޮވުމެއް ނެތެވެ. ފެންނަހާ ތާކު އަތް އުނގުޅަނީ އެވެ. އެޔަށް ފަހު މޫނުގައި އަތް ކާތަނީ އެވެ. ކޮންމެ މީހަކީވެސް ބަލި ހުރި މީހެއް ކަމަށް އަދި ތިމާ އަކީވެސް ބަލި ހުރި މީހެއް ކަމަށް ބަލައިގެން އަބަދުވެސް އުޅުމަކީ ކޮވިޑަށް އޮތް އެންމެ މޮޅު އެއް ހައްލު ކަމަށް ސިއްހީ އެހީތެރީން ތަކުރާރުކޮށް ބުނަމުން އަންނަ އިރު، އަހަރެމެންނަށް ހީވެފައި އޮންނަނީ އެކުވެރީންނާއި އާއިލާގެ އެންމެންނަކީ "ކޮވިޑް ފްރީ" މީހުން ކަމަށެވެ. އެހެންވެ އެމީހުންނަށް ޒިޔާރަތް ކުރުމާއި އެގޭގޭގައި އޯވަނައިޓް ކުރުމާއި އެކުވެރީންނާއި ރައްޓެހީންނާ އެކު އެއްވެސް ހައްދެއް ނެތި މަޖާ ނަގަނީ އެވެ.

ކަން އޮތް ގޮތަކީ މިއީ އެވެ. ކޮވިޑުގެ ހާލަތު ގޯސް ވެގެން މި އުޅެނީ އެކަމަށް ގަވައިދެއް ނެތިގެނެއް ނޫނެވެ. ހެދިފައި ހުރި ގަވައިދުތަކުގައި އެއްވެސް މައްސަލައެއް ވެސް ހުރެގެނެއް ނޫނެވެ. މައްސަލައަކީ އަހަރެމެން އެ ގަވައިދުތަކާ އެއްގޮތަށް ނޫޅުމެވެ. އަހަރެމެން ބޭނުން ގޮތަކަށް އަހަރެމެން އުޅުމެވެ. ބަސް ނޭހުމެވެ. ގަވައިދު މުގުރާ ބަޔަކަށް ވެގެން އަހަރެމެން އުޅުމެވެ.

އެހެން މީހުންނަށް ބަވައި ހެދިޔަކަސް ކޮވިޑް ކޮންޓްރޯލެއް ނުވާނެ އެވެ. ކޮވިޑް ކޮންޓްރޯލު ވާނީ އަހަރެމެން ކޮންމެ މީހަކުވެސް އެމީހެއްގެ ދައުރު އަދާކޮށްގެންނެވެ. ގަވައިދުތަކަށް އިހުތިރާމުކޮށް ރައްކާތެރި ގޮތްތަކަށް އުޅުން ބައްޓަން ކޮށްގެންނެވެ. ގޭ ބަންދު ކުރާ ހިސާބަށް ކަންކަން ނުދަނީސް މި ކަމުގައި އޮތް ފަރުދީ ޒިންމާގެ ރަނގަޅު ގޮތް އިހުތިޔާރު ކޮށްފި ނަމަ، އަދިވެސް އަހަރެމެންނަށް ފަސޭހަ ދިރިއުޅުމެއް ލިބޭނެ އެވެ. ބޭރުގައި އުޅެމުން، ވިޔަފާރި ކުރަމުން، އާއިލާއަށް ޒިޔާރަތް ކުރަމުން އަދި ދެން ވެސް ކުރާން ހުރި ކަންކަން އުފާވެރި ރީތި ގޮތުގައި ކުރަމުން ވެސް ކޮވިޑު ކޮންޓްރޯލު ކުރެވޭނެ އެވެ. ވިސްނާލަން ޖެހޭ ހަމަ އެކަނި ކަމަކީ އެއިން އެއްވެސް މަރުހަލާއެއްގައި ބަލި ފެތުރެން މަގުފަހިވާ ކަންކަމަށް ފުރުސަތު ނުދިނުމެވެ. ކޮންމެ ވަގުތެއްގައި ކޮންމެ ތަނެއްގައި އުޅޭ އިރު ވެސް ބައްޔަށް ފުރުސަތު ފަހިވާ އެންމެހައި ކަންކަމުން ދުރުހެލި ވުމެވެ.

ބަލީގެ ހާލަތު މިހާވަރަށް ގޯސް މިވީ އަހަރެމެންގެ އަމިއްލަ އިހުމާލުންކަން އެންމެން ގަބޫލު ކުރާން ޖެހެ އެވެ. އެހެން ކަމުން މީގެ ކޮންޓްރޯލު ގުޅިފައި ވަނީ އަހަރެމެންގެ އަމަލުތަކާކަން ވެސް ގަބޫލު ކުރާން ޖެހެ އެވެ.