ކޮވިޑްގެ ކޭސްތައް އިތުރުވުމާ ގުޅިގެން ވެމްކޯގެ ބައެއް ހިދުމަތްތަކަށް ބަދަލު ގެނެސްފިއެވެ.
ވެމްކޯއިން ރޭ ނެރުނު އިއުލާނެއްގައި ބުނީ، އެ ކުންފުނީގެ މުވައްޒަފުންގެ ރައްކާތެރިކަމާއި ކަސްޓަމަރުންނަށް ފޯރުކޮށްދެމުން އަންނަ ކުނި ނެގުމުގެ ހިދުމަތާއި ކުނި އުކައިލުމުގެ ހިދުމަތަށް ބުރޫ ނާރާނެ ފަދަ ގޮތަކަށް މަސައްކަތްތައް ބައްޓަންކުރުމަށްޓަކައި، އެކުންފުނީގެ ކޯލް ސެންޓަރުގެ ހިދުމަތަށާއި ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކުން ހިދުމަތް ފޯރުކޮށްދޭ ވަގުތަށް މިއަދުން ފެށިގެން ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
އެގޮތުން އެ ކުންފުނީގެ ކޯލް ސެންޓަރުގެ ހިދުމަތް ލިބޭނީ ހެނދުނު 9:00 އިން ރޭގަނޑު 20:00 އަށް ކަމަށް ވެމްކޯއިން ބުންޏެވެ.
މާލޭ ސަރަހައްދުގައި ވެމްކޯއިން މީގެ ކުރިން ވޭސްޓް ޓްރާންސްފާގެ ހިދުމަތް މެންދަމު 12:00 ޖަހަންދެން ދެއެވެ. ނަމަވެސް އަލަށް ގެނައި ބަދަލުތަކާއެކު އެ ހިދުމަތް ދޭ ވަގުތުތައް ވަނީ މަދުކޮށްފައެވެ.
އެގޮތުން ހުކުރު ނޫން އެހެން ދުވަސްތަކުގައި ތިލަފުށީ ސައިޓުން ހިދުމަތްދޭނީ ހެނދުނު 8:30 އިން ރޭގަނޑު 20:00 އަށެވެ. ހުކުރު ދުވަހު ހިދުމަތްދޭނީ ހެނދުނު 8:30 އިން 11:00 އަށް އަދި މެންދުރުފަހު 14:20 އިން ރޭގަނޑު 20:00 އަށެވެ.
ހުކުރު ނޫން އެހެން ދުވަސްތަކުގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ސައިޓުން ހިދުމަތްދޭނީ ހެނދުނު 8:00 އިން ރޭގަނޑު 20:00 އަށެވެ. ހުކުރު ދުވަހު ހިދުމަތްދޭނީ ހެނދުނު 8:00 އިން 11:00 އަށް އަދި މެންދުރުފަހު 14:00 އިން ރޭގަނޑު 20:00 އަށެވެ.
ޚަބަރު
ޚަބަރު