ރާއްޖޭގައި ހަދާ އެންމެ އުސް ޓަވަރު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދަން ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ "ޓޫރިޒަމް ބުލެޓިންް" ގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ޝާއިއުކޮށްފައިވާ ލިއުމެއްގައި ބުނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކުރުުގެ މަސައްކަތް ކުރަމުން އަންނަ ޓޫރިޒަމް އައިލެންޑުގައި 150 މީޓަރުގެ އުސް ޓަވަރެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށެވެ.

މުޅިން ތަފާތު ކޮންސެޕްޓަކަށް އިމާރާތްކުރާ މި ޓަވަރަށް ޒިޔާރަތްކުރާ މީހުންނަށް ވަށައިގެންވާ މާހައުލުގެ ރީތިކަން ބަލައިލެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

މި ޓަވަރު ވެގެންދާނީ ރާއްޖޭގައި މިހާތަނަށް ހަދާ އެންމެ އުސް އިމާރާތަށެވެ. މިހާރު ރާއްޖޭގައި ހުރި އެންމެ އުސް އިމާރާތަކީ ދަރުމަވަންތަ ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލުގެ އުސްމިނަކީ 89 މީޓަރެވެ. އެހެންކަމުން އެ ޓަވަރު ވެގެންދާނީ ދަރުމަވަންތަ ހޮސްޕިޓަލަށް ވުރެ ގާތްގަނޑަކަށް ދެގުނަ އުސް އިމާރާތަކަށެވެ.

އެޗްޑީސީން ބުނީ ޓޫރިޒަމް އައިލެންޑަކީ، ތަފާތު އެކި ވައްތަރުގެ ޓޫރިސްޓް ހޮޓާތަކެއް އެއްތަނަކުން ތަޖުރިބާކުރެވޭނެ ތަނަކަށްވާނެ ކަމަށެވެ. އެގޮތުން ލަގްޒަރީ ވިލާއާއި އެޕާޓްމެންޓާއި އުސް އަދި މެދުފަންތީގެ ހޮޓަލާއި ގެސްޓްހައުސް، އައިލެންޑުގައި ހުންނާނެ ކަމަށް ބުނެފައިވެ އެވެ.

"ޓޫރިޒަމް ބުލެޓިންް" ގައި އެޗްޑީސީން ޝާއިއުކޮށްފައި ލިޔުމުގައި އިތުރަށް ބުނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމުކުރާ "ޓޫރިޒަމް އައިލެންޑް" ތަރައްގީކުރުމަށް އަދި، އިންވެެސްޓުކުރުމަށް ޝައުގުުވެރިވާ ފަރާތްތަކަށް އެ ފުރުސަތު މިހާރުވެސް ހުޅުވާލާފައިވާ ކަމަށާއި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން [email protected] އަށް މެއިލް ކުރުުމަށް އެދޭ ކަމަށެވެ.