އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމުގެ މަގާމަށް އައްޔަން ކުރުމަށް ޑރ. މުހައްމަދު ޒާހިރުގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
އިލެކްޝަންސް ކޮމިޝަނަށް މެންބަރަކު އައްޔަން ކުރުމަށް ނިންމާފައިވަނީ ކުރިން އެކޮމިޝަނުގެ މެންބަރު ކަމުގައި ހުންނެވި އަދި އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު އަކްރަމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް "ވަން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި، ޑރ. މުހައްމަދު ޒާހިރުގެ ނަން، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ކަމަށެވެ.
ޑރ. މުހައްމަދު ޒާހިރަކީ މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.
އިލެކްޝަންސް ކޮމިޝަން އެކުލެވިގެން ވަނީ ފަސް މެންބަރުންގެ މައްޗަށެވެ. ކޮމިޝަންގެ ގާނޫނު ބުނާގޮތުން މެންބަރުކަމުގެ މަގާމެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އައްޔަން ކުރަންވާނެ އެވެ. އިލެކްޝަންސް ކޮމިޝަނަށް މެންބަރުން އައްޔަން ކުރާނީ، އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން، ރައީސުލްޖުމްހޫރިއްޔާ އެ ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށް ފޮނުވައިގެން، މަޖިލީހުން ރުހުން ދިނުމުނެވެ.
އެކޮމިޝަނުގެ މެންބަރު ކަމުގެ މަގާމުން އަކުރަމް އިސްތިއުފާ ދެއްވީ އޭނާ އާއި ދެކޮޅަށް ހުށަހެޅުނު މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބަލައި، އޭނާ އެ މަގާމުން ވަކި ކުރުމަށް ނިންމާފައިވަނިކޮށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު އެވެ.
އިލެކްޝަން ކޮމިޝަނަށް މެންބަރަކު އައްޔަން ކުރުމަށް މަޖިލީހަށް ޑރ. މުހައްމަދު ޒާހިރުގެ ނަން ފޮނުވާފައިވާއިރު، އެ ނަން ފާސް ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރަށް މަޖިލީސް ހުޅުވުމުންނެވެ. މިއަހަރަށް މަޖިލީސް ހުޅުވޭނީ މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ.
ޚަބަރު
ޚަބަރު
ޚަބަރު