މިދިޔަ ޖަނަވަރީ މަސް ނިމުނުއިރު، 6000 އަށްވުރެ ގިނަ ގެސްޓު ހައުސް އެނދު އޮޕަރޭޓްކުރަން ފަށާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މިދިޔަ މަސް ނިމުނުއިރު 48 ރަށަކުން 324 ގެސްޓް ހައުސެއް ވަނީ އޮޕަރޭޓް ކުރަން ފަށައިފަ އެވެ. އެއާއެކު އޮޕަރޭޝަނަށް އައިސްފައިވާ ގެސްޓް ހައުސް އެނދުގެ އަދަދު ވަނީ 6،060 އަށް އަރައިފަ އެވެ.

މިހާތަނަށް އެންމެ ގިނަ ގެސްޓް ހައުސް އެނދު އޮޕަރޭޝަނަށް ގެނެސްފައިވަނީ މާލެ އަތޮޅުންނާއި އއ. އަތޮޅުންނެވެ. އެގޮތުން މާލޭ ސަރަހައްދުގެ 138 ގެސްޓް ހައުސް އަކުން 3،280 ގެސްޓް ހައުސް އެނދު އޮޕަރޭޝަނަށް ގެނެސްފައިވާއިރު އއ. އަތޮޅުގެ 75 ގެސްޓް ހައުސްއަކުން 978 އެނދު ވަނީ އޮޕަރޭޝަނަށް ގެނެސްފަ އެވެ.

ޓޫރިސްޓު ފެސިލިޓީތަކަށް ބަލާއިރު 614 ފެސިލިޓީއެއް ވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ. އެއީ 144 ރިސޯޓް. މެރީނާ އާއި 11 ހޮޓަލާއި 135 ސަފާރީއެއްގެ އިތުރުން 324 ގެސްޓް ހައުސް އެކެވެ. މިއާއެކު އޮޕަރޭޝަނަށް ގެނައި އެނދުގެ އަދަދު ވަނީ 43،320 އަށް އަރައިފަ އެވެ.