ޗެލްސީގެ އިނގިރޭސި ޑިފެންޑަރު ރީސް ޖޭމްސްއަށް ނަސްލީ ގޮތުން ދިމާކުރި މައްސަލައިގައި، އޭނާ ދިފާއުކުރަން ކްލަބު އޯނަރު ރޯމަން އަބްރަމޮވިޗް ނުކުމެއްޖެއެވެ.

ރީސް ޖޭމްސްގެ ހިމާޔަތުގައި އަބްރަމޮވިޗް ކްލަބުގެ ކޮންމެ ކުޅުންތެރިޔަކަށް ވަކިން ސިޓީއެއް ފޮނުވާފައިވާއިރު، ސިޓީގައި ބުނެފައި ވަނީ އެއްވެސް ހާލެއްގައި ތަފާތު ކުރުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި، ނަސްލީ ގޮތުން ދިމާކުރުމުގެ މަސައްކަތާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތަށް ބޮޑެތި އަދަދުތަކުން ފަންޑް ކުރުން އިތުރު ކުރާނެ ކަމަށެވެ.

"ރީސް ޖޭމްސްއަށް މީސް މީޑިއާގައި ނަސްލީގޮތުން ދިމާކުރުމަކީ ރުޅިގަދަވި ކަމެއް. އެކަންކަމަަށް އަޅައިނުލައި ދޫކޮށެއް ނުލާނަން،" އަބްރަމޮވިޗް ބުނެފައިވެއެވެ.

ފަހަކަށް އައިސް ޕްރިމިއާ ލީގުގައި ކުޅޭ ގިނަ ކުޅުންތެރިންނަށް ނަސްލީ ދިމާކުރުންތައް، ސަޕޯޓަރުންނާއި އެހެނިހެން ފަރާތްތަކުން ފެނިފައިވެއެވެ. ހާއްސަކޮށް މެޗުތަކުން ބަލިވުމާ ގުޅިގެން މީސް މީޑިއާ މެދުވެރިކޮށް ސަޕޯޓަރުން ދަނީ ކުޅުންތެރިންނަށް ނަސްލީ ގޮތުން ދިމާކުރަމުންނެވެ.

މެންޗެސްޓާ ޔުނައިޓެޑުން މިދިޔަ ހަފްތާ ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް ކުޅެ ބަލިވި މެޗަށްފަހު އެކްޒެލް ޓުއާންޒޭބީ އާއި އެންތޮނީ މާޝިއަލްއަށް ވެސް ނަސްލީ ގޮތުން ދިމާކުރުންތައް ކުރިމަތިވެފައިވާއިރު، ހޮނިހިރު ދުވަހުގެ މެޗަށްފަހު މާކަސް ރަޝްފޯޑުވެސް ވަނީ އޮންލައިންކޮށް އޭނާއަށް ނަސްލީ ގޮތުން ދިމާކުރި ކަމަށް ބުނެފައެވެ.

އަބްރަމޮވިޗްގެ ބަޔާނުގައި ބުނެފައި ވަނީ އަހަރެމެން ދިރިއުޅެމުން އަންނަ މުޖުތަމައުގައި އެކަކު އަނެކަކަށް ނަފްރަތުކޮށް، ނަސްލީ ދިމާކުރުންތަކާއި، ތަފާތުތައް މިއަދާ ހަމައަށް ވެސް އޮތުމަކީ ލަދު ގަންނަން ޖެހޭ ކަމެއް ކަމަށެވެ. އެކަންކަމާ ދެކޮޅަށް ޗެލްސީގެ ބޯޑުން ކުރަމުން އަންނަ މަސައްކަތް ވަރުގަދަކުރުމަށް މިހާރުން މިހާރަށް އަންގާފައިވާނެ ކަމަށްވެސް ރަޝިޔާގެ ބިލިއަނަރު އަބްރަމޮވިޗްގެ ސިޓީގައި ބުނެފައިވެއެވެ.