ލިވަޕޫލަށް ކުޅެމުން އަންނަ ކެމަރޫންގެ ޑިފެންޑަރު ޖޯލް މަޓިޕްގެ ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން އޭނާއަށްވެސް ސީޒަންގެ ބާކީ ބައި ގެއްލޭނެ ކަމަށް ކްލަބުން ބުނެފިއެވެ.

މިދިޔަ ހަފްތާ ބުރާސްފަތި ދުވަހުގެ ރޭ ލިވަޕޫލުން ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗުގައި ޑިފެންޑަރު މަޓިޕްގެ ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއާއެކު އޭނާ ވަނީ ދަނޑުން ބާލައިފައެވެ. ލިވަޕޫލުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މަޓިޕް ފައިގެ ކުޑަހުޅުގެ ލިގަމެންޓަށް ގެއްލުން ވެފައިވާ ކަމަށާއި އެނބުރި އަންނާނެ ކަމަށް ލަފާކުރެވެނީ ކުރިއަށް އޮތް ސީޒަނުގައި ކަމަށެވެ.

ޑިފެންޑަރުންނަށް އަނިޔާވުމުގެ މައްސަލައަކީ މި ސީޒަންގެ ފުރަތަމަ ކޮޅުން ފެށިގެންވެސް ލިވަޕޫލަށް ބޮޑު ބޮލު ރިހުމެކެވެ. އެންމެފަހުން ޗެމްޕިއަން ލިވަޕޫލްގެ އެންމެ މުހިއްމު ޑިފެންޑަރުން ކަމަށްވާ ވާޖިލް ވެންޑައިކާއި ޖޯ ގޮމޭޒްގެ ކަކުލަށް އަނިޔާވެ ސީޒަންގެ ކުރީކޮޅުގައި އެ ދެކުޅުންތެރިންވެސް ސާޖަރީއަކަށް ދާން ޖެހިފައިވާއިރު، އެނބުރި އަންނާނެ ކަމަށް ބެލެވެނީ ކުރިއަށް އޮތް ސީޒަނަށެވެ.

އެ މައްސަލަތަކާއެކު ލިވަޕޫލްގެ ނަތީޖާތަކަށްވެސް އަސަރު ކުރަމުން އަންނައިރު، މަޓިޕަށް އަނިޔާވުމާއެކު ޓްރާންސްފާގެ ފަހު ދުވަހު ލިވަޕޫލުން ވަނީ ޑިފެންޑަރަކު ހޯދަން މާކެޓުގައިވެސް ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. އެކަން ކްލަބުން ކާމިޔާބު ކުރިވެސް މެއެވެ. ރޭ އިއުލާން ކޮށްފައި ވަނީ ޕްރެސްޓަންއިން ބެން ޑޭވީސްގެ އިތުރުން ޝާލްކޭއަށް ކުޅެމުން އަންނަ ތުރުކީ ޑިފެންޑަރު އޮޒާން ކަބަކް ކްލަބަށް ސޮއި ކުރި ކަމަށެވެ.

މަޓިޕްގެ އަނިޔާޗއާއި ގުޅިގެން ކޯޗު ޔާގަން ކްލޮޕް ބުނެފައި ވަނީ ކުރިއަށް އޮތް ސީޒަންގެ ޕްރީ ސީޒަން ފަރިތަކުރުންތަކަށް މަޓިޕް ފިޓް ވާނެ ކަމަށާއި، އޭގެ ކުރިން ކްލަބުގެ ތެރެއިން އޭނާ ނެތްތަން ފޫބައްދަން ކުރަން ޖެހޭ މަސައްކަތް މިހާރުވެސް ހިނގަމުންދާނެ ކަމަށެވެ.