ސީޒަންގެ ކުރީކޮޅުގައި ލިވަޕޫލްގެ އެންމެ މުހިއްމު ދެ ޑިފެންޑަރުން ކަމަށްވާ ވާޖިލް ވެންޑައިކާއި ޖޯ ގޮމޭޒް އަދި ޖޯލް މަޓިޕަށް އަނިޔާވެ، އެޓީމަށް މާޔޫސްކަމާ ކުރިމަތި ވިއެވެ. ޖެނުއަރީއާ ހަމައަށް އެޓީމަށް ޑިފެންޑަރެއް ހޯދަން މަޑުކުރަން ޖެހުނުއިރު، ސީޒަންގެ މިހާތަނަށް ކުޅުނު މެޗުތަކުގައި އެ ދެކުޅުންތެރިން ނެތްތަން ފެނިގެން ގޮސްފައިވެއެވެ. ޓްރާންސްފާގެ އެންމެ ފަހު ދުވަހާ ހަމައަށް ލިވަޕޫލުން ޓްރާންސްފާ މާކެޓް ތެރެއަށް ވަދެ މާ ބޮޑަށް ހަރަކާތްތެރި ނުވި ނަމަވެސް އެންމެފަހު ދުވަހު އެޓީމުން ވަނީ ރަނގަޅު ޑީލްތަކެއް ހޯދައިފައެވެ.
ލިވަޕޫލުން ފަހު ދުވަހު ލޯން އެއްބަސްވުމަށް ދެތިން ޑިފެންޑަރަކާ ވާހަކަތައް ކުރިއަށް ގެންގޮސްފައިވެއެވެ. އުމުރުން 20 އަހަރުގެ ތުރުކީ ޑިފެންޑަރު އޮޒާން ކަބަކާއި، ޕްރެސްޓޮން ނޯތު އެންޑްގެ ބެން ޑޭވީސްގެ އިތުރުން މާސޭއަށް ކުޅެމުން އަންނަ ޑީޖޭ ކަލޭޓާކާއަށް ލިވަޕޫލުން ފާރަލާފައިވާއިރު، ކަބަކްއަކީ ޝާލްކޭއަށް ކުޅެމުން އަންނަ ފުރަތަމަ 11 ގެ ޑިފެންޑަރެކެވެ.
ބެން ޑޭވިސް ކްލަބާ ގުޅުނުކަން ލިވަޕޫލުން ރަސްމީކޮށް އިއުލާންވެސް ކޮށްފައިވާއިރު، ކަބަކްގެ މެޑިކަލް ހުރިހާ ކަމެއްވެސް ނިންމައި ލޯން އެއްބަސްވުމެއްގެ ދަށުން ކްލަބާ ގުޅުނުކަން މިހާރު ވަނީ އިއުލާން ކޮށްފައެވެ. ސީޒަން ނިމެންދެން ކަބަކް ލިވަޕޫލާ ގުޅިފައިވާއިރު، ބެން ޑޭވީސް ގުޅިފައި ވަނީ ލޯން ދެ މިލިއަން ޕައުންޑްގެ އަގަކަށެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި ބެން ޑޭވީސް ލިވަޕޫލަށް ސޮއިކުރީ ދިގު މުއްދަތަކަށެވެ.
ލޯން އެއްބަސްވުމެއްގެ ދަށުން ކަބަކް ލިވަޕޫލާ ގުޅުނު ނަމަވެސް ލޯން ނިމުމާއެކު ކްލަބުން ބޭނުންވާ ނަމަ 18 މިލިއަން ޕައުންޑަށް އޭނާ ގަނެވޭނެ މާއްދާއެއް އެއްބަސްވުމުގައި ވަނީ ހިމަނާފައެވެ. ސީޒަން ނިންމުމަށްފަހު ލިވަޕޫލަށް އެ ފުރުސަތު އޮތް ނަމަވެސް މިހާރު ކަބަކް ހުރީ އެއް މިލިއަން ޕައުންޑްގެ ލޯން ފީއެއްގައެވެ.
ޓްރާންސްފާތަކަށްފަހު ޔާގަން ކްލޮޕް ބުނެފައި ވަނީ ލިވަޕޫލަށް ދިމާވެފައިވާ ޑިފެންޑަރުންގެ އަނިޔާގެ މައްސަލަތަކުން އަރިގަތުމަށް މި ދެ ޓްރާންސްފާވެސް މުހިއްމުވާނެ ކަމަށެވެ. އަދި މިހާލަތުގައިވެސް ލިވަޕޫލުން ކުޅުންތެރިން ގެންގޮސްފައި ވަނީ ކޮލިޓީއަށް ބަލާފައިކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ކްލޮޕް ބުނެފައިވެއެވެ.
ކަބަކާއި ގުޅިގެން ވާހަކަ ދައްކަމުން ކްލޮޕް ބުނެފައި ވަނީ އޭނާއަކީ ޒުވާން ހުނަރުވެރި ކުޅުންތެރިއެއްގެ އިތުރުން ލީޑާޝިޕް ރަނގަޅު "މުސްތަގުބަލުގައި ލިވަޕޫލްގެ ކެޕްޓަންކަން" ކުރެވޭނެ ކުޅުންތެރިއެއް ކަމަށެވެ.
މީގެ ކުރިން ހޫނު މޫސުމުގެ ޓްރާންސްފާ ސީޒަނުގައިވެސް ލިވަޕޫލުން ކަބަކް ހޯދަން މަސައްކަތް ކޮށްފައިވާއިރު، ލިވަޕޫލަށް އޭނާ ގެންދަން ލަފާ ދީފައި ވަނީ ކުރިން ހަޑަލްސްފީލްޑްގެ ކޯޗު ޑޭވިޑް ވެގްނާއެވެ. ވެގްނާ ޝާލްކޭގައި އުޅުނުއިރު ކަބަކަށް ކޯޗުކަން ކޮށްދީފައިވާއިރު، ކަބަކް ވަނީ ތުރުކީގެ ގައުމީ ޓީމަށްވެސް ހަތް މެޗު ކުޅެފައެވެ. ޝާލްކޭއަށް ދިޔުމުގެ ކުރިން ސްޓަޓްގާޑަށް ކަބަކް ކުޅެފައިވާއިރު، އޭނާއަކީ 2018-19 ވަނަ އަހަރު ބުންޑަސްލީގާގެ ރުކީ އޮފް ދަ އިޔާއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު