ގައިދީއަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ހުޅުމާލޭ ޖަލު ލޮކްޑައުންކޮށްފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިރޭ ބުނީ ހުޅުމާލޭ ޖަލުން މިއަދު 56 އަހަރުގެ ގައިދީއަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެ ގައިދީ ޕޮޒިޓިވްވުމާ ގުޅިގެން މިހާރު އޭނާ ކަރަންޓީނު ފެސިލިޓީއަކަށް ބަދަލުކުރެވިފައިވާ ކަމަށާއި އަދި ޖަލު ލޮކްޑައުންކުރެވިފައިވާ ކަމަށް ކަރެކްޝަންސް އިން ބުނެއެވެ. އެ ކޭސްއާ ގުޅިގެން ޖަލުގައި މިހާރު އަންނަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްކުރަމުންނެވެ.

މީގެ ކުރިން މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ވެސް ހުޅުމާލޭ ޖަލުން ކޭސްތަކެއް ވަނީ ފެނިފައެވެ. އޭރު ޕޮޒިޓިވްވެފައިވަނީ ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ވަގުތީ ގޮތުން ބައިތިއްބާފައި ތިބި ފަސް ބިދޭސީއަކާއި ހުޅުމާލޭ ޖަލުގައި ތިބި ހަތް ގައިދީއެކެވެ.